އެމެރިކާ ސިފައިން އިރާގަށް ދިން ހަމަލާތަކެއްގައި އިރާގު ސިފައިންގެ 11 މީހުން މަރާލީ އޮޅުމަކުން ނޫން ކަމަށް އިރާގުން ބުނެފިއެވެ.
އިރާގުގެ ޕާލަމެންޓްގެ ދިފާޢީ ކަންކަމާ ބެހޭ ސަބް ކޮމިޓީގެ ވެރިޔާ ހާކިމް އައްޒާމިލީ ވިދާޅުވީ އިރާގުގެ 11 ސިފައިންގެ މަރުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ ކަމަށެވެ.
އައްޒާމިލީ ވިދާޅުވީ އިރާގުގައި އެމެރިކާ ސިފައިން މީގެކުރިން އަސްކަރީ އޮޕަރޭޝަން ތަކެއްގައި އޮޅުމަކުން ހަމަލާދެވުނު ކަމަށް ބުނެ އިރާގު ސިފައިންގެ އެތައް ބަޔަކު މަރާލާފައިވާ ކަމަށެވެ. އަދި މިއީވެސް އެމެރިކާ ސިފައިން ގަސްތުގައި ދިން ހަމަލާތަކެއް ކަމަށް ބެލެވޭ ހެކި ލިބިފައި ހުރި ކަމަށް އައްޒާމިލީ ވިދާޅުވިއެވެ.
އައްޒާމިލީ މިހެން ވިދާޅުވެފައިވަނީ އެމރިކާ ސިފައިންގެ މިފަދަ ހަމަލާތައް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.
އޮޅުމަކުން ކަމަށްބުނެ އެމެރިކާ ސިފައިން މިފަހަރު ހަމަލާ ދީފައި މިވަނީ އިރާގުގައި އައިސިސް ޖަމާއަތުގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ފައްލޫޖާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ އިރާގު ސިފައިންގެ ޔުނިޓަކަށެވެ.
އެހެން ނަމަވެސް މިކަމާއި ގުޅިގެން އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވީ މި ހަމަލާތަކަކީ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށެވެ. މިހަމަލާގެ ތަހުގީގު އެވުޒާރާއިން ފަށާފައިވާއިރު އެހަމަލާގެ ޒިންމާ އެމެރިކާ އެކޭ އެއްގޮތަށް އިރާގުންވެސް ނަގަން ޖެހޭނެ ކަމަށް އޭޝްޓަން ވިދާޅުވިއެވެ.
އޭޝްޓަން ވިދާޅުވީ ފައްލޫޖާގެ ވަށައިގެންވާ ސަރަހައްދުތަކަކީ އެމެރިކާ ސިފައިން އާއްމުކޮށް ހަމަލާދޭ ސަރަހައްދެއް ކަމަށެވެ. އަދި އެކަން އިރާގު ސިފައިންނަށް އެނގޭނެ ކަމަށާއި އެމީހުން އެތަނުން ދުރަށް ނުގޮސް ތިބުމަކީ އިރާގު ސިފައިން ވެސް ޒިންމާ އުފުލަން ޖެހޭ ކަމެއްކަމަށެވެ.
އެމެރިކާ ސިފައިންނަށް އިރާގުގެ ސިފައިންނާ އައިއެސްގެ ހަނގުރާމަވެރިން ވަކިކުރަން ނޭނގުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެމެރިކާއިން ބުނެއެވެ.