އެޗްޑީސީ

ހިޔާ ފްލެޓް ސަރަހައްދުގައި ގުރްއާން ކްލާހެއް ހިންގާނެ ބަޔަކު ހޯދަނީ

Feb 1, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓް ތަކުގައި ވިޔަފާރީ އުސޫލުން ދޫކުރަން ނިންމާފައިވާ ބަައި ތަކުގެ ތެރެއިން ބައެއްގައި ގުރުއާން އަދި ޓިއުޝަން ސެންޓަރެއް ހިންގައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އެޗްޑީސީގެ އިއުލާނެއްގައި ބުނެފައިވަނީ ގުރުއާން ކްލާހާއި ޓިއުޝަން ސެންޓަރު ހިންގަން ތަނެއް ކުއްޔަށް ދޫކުރަނީ އެތަން ކުއްޔަށް ނަގާ ފަރާތުން އަމިއްލަ އަށް އެތަނެއް ޑިޒައިންކޮށްގެން ހިންގާ އުސޫލުން ކަމަށެވެ.

ގުރުއާން ކްލާހާއި ޓިއުޝަން ސެންޓަރު ހިންގާނެ ގޮތުގައި ގައިޑްލައިނެއް އެޗްޑީސީން އެކުލަވާލާނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓުގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކުރަން މިސަރުކާރުން ނިންމީ 6،720 ފްލެޓެވެ. ބާކީ ހުރި ފްލެޓްތައް ހާއްސަ ކުރީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ތަފާތު ހިދުމަތްދޭ ތަންތަން ހިންގަން ކުއްޔަށް ދޫކުރުމަށެވެ.

ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި އަދި މިހާތަނަށް ހުޅުވާފައިވަނީ އެންމެ ފިހާރަ އެކެވެ. އެ ސަރަހައްދުގައި ޑޭކެއާ ސެންޓަރަކާއި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން ވެސް އެޗްޑީސީން ކުރިން އިއުލާންކުރި އެވެ.

ހިޔާ މަޝްރޫއުގައި ހަދާފައިވާ 16 ޓަވަރުގެ ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހަދާފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާފައިވަނީ 7،500 ރުފިޔާ އެވެ. މީގެއިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ދައްކަން ޖެހެ އެވެ.