މިނިސްޓްރީ އޮފް ހެލްތު

މިރޭ ނޫނީ މާދަމާ މުސާރަ ޖަމާވާނެ: ހެލްތު މިނިސްޓްރީ

Feb 2, 2022

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިރޭ ނޫނީ މާދަމާ މުސާރަ ޖަމާވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ ޖެނުއަރީ މަހުގެ މުސާރަ ލިބިފައި ނުވާތީ ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުން ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ޑިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ގިނަ މުވައްޒަފުންތަކެއް މިދިޔަ ދުވަސްތަކުގައި ކަރަންޓީނު ވާންޖެހުނު ކަމަށެވެ.

އެކަމާ ގުޅިގެން މުވައްޒަފުންގެ މުސާރަ ޝީޓްތައް ނިންމަންޖެހޭ ދުވަހަށް ނިންމާނުލެވުނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު މުސާރަ ޝީޓްތައް މިއަދުގެ ވަގުތެއްގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި [މުސާރަ] ޖަމާވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް އިއްޔެ ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުން ލަސްވީ އެ އިދާރާތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން ޖެހޭ މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވުން ލަސްވުމުން ކަމަށެވެ. އައިޖީއެމްއެޗްގެ މުވައްޒަފުންގެ މުސާރަ ޝީޓު ފޮނުވުން ލަސްވުމުން އެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާވީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މުސާރަ ޖަމާވުމުގައި ވެސް މައްސަަލަތަކެއް ދިމާވި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް ހުރިހާ ފުލުހުންނަށް މިހާރު ވަނީ މުސާރަ ޖަމާކޮށްފަ އެެވެ.

ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދޭންޖެހެނީ ކޮންމެ މަހެއްގެ ރަސްމީ އެންމެ ފަހު ދުވަހު އެވެ.