ޓީޗަރުން

މުސާރަ ބޮޑު ކުރާތީ ހިތްހަމަޖެހޭ: ޓީއޭ

ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށްވާތީ އެކަން ހަގީގަތަކަށް ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް މިއަދު އަވަސް އަށް ވިދާޅުވީ އަންނަ މެއި މަހު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވުމަކީ ތައުލީމީ ދާއިރާގެ މުވައްޒަފުން އެންމެ އުފާވާނެ އެއް ދުވަސް ކަމަށެވެ.

"އަޅުގަނޑުމެން މި ދުވަހަށް އިންތިޒާރު ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެ. ވީހާވެސް އަވަހަށް ހަގީގަތަކަށް ވުމަކީ ލިބޭނެ އެންމެ ބޮޑު އުފާ،" ނާޒިމު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާ ކުރާތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މުސާރަ ކުޑަވުމުން ޓީޗަރުން ތައުލީމީ ދާއިރާއަށް ނިކުތުން ވެސް ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ.

"ޓީޗަރުންގެ މުސާރަ ބޮޑުނުވެއްޖެ ނަމަ ތައުލީމީ ދާއިރާއަށް އިތުރު ނިކަމެތިކަމެއް ލިބިގެންދާނެ. މުސާރަ ބޮޑުވެގެން ދިއުމަކީ އެ ހުރިހާ ކަމެއް ބަދަލުވެ މި ދާއިރާ އަށް އިތުރު މީހުންގެ ޝައުގު ބޮޑު ވާނެ ކަމެއް." ނާޒިމް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވަވުން ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާ އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.

އެބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ.