ހުޅުމާލެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ޕްލޭންކޮށް ތަރައްގީ ކުރަން އެޗްޑީސީއަށް

  • ދެވަނަ ފިޔަވީގައި އަންނަ އަހަރު ބިން ވިއްކާނެ
  • ޔޮޓް މެރިނާ އާއި ކުރޫޒް މެރިނާ ޓާމިނަލް ޕްލޭން ވަނީ ފަށާފައި
  • ފުރަތަމަ އަޅާނީ މެދުފަންތީގެ 1500 ހައުސިން ޔުނިޓް

ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހައުސިން މިނިސްޓްރީން ހިއްކި 245 ހެކްޓަރުގެ ބިން ޕްލޭން ކުރުމަށް ހުޅުމާލެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހައުސިން މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒް ވަނީ ބިމާއި ހަވާލުވިކަމުގެ ލިޔުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަންއާ ހަވާލުކުރައްވާފަ އެވެ.

ދެވަނަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސައިމަން ވިދާޅުވީ، އަންނަ އަހަރުގެ މެދަކާ ހަމަޔަށް ދާއިރު ދެވަނަ ފިޔަވަހިން ބިން ވިއްކަން ފަށާނެ ކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށާއި، މިހާރު ޕްލޭން ކޮށްފައިވާ ގޮތުން ގެދޮރު އަޅަން ބިން ވިއްކަން ނިންމާފައިވަނީ ބީޗް މަގުން ކަމަށް ސައިމަން ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންވެސް ތަރައްގީ ކުރަން ނިންމާފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް ތިން ނެއިބަހުޑް ހިމެނޭ ގޮތަށެވެ. އެހެންކަމުން ބިން ވިއްކުމުގައިވެސް ބަލާނީ ނެއިބަހުޑް ޕްލޭނަށް ކަމަށް ސައިމަން ވިދާޅުވި އެވެ.

"މިސާލަކަށް އާންމުން ގެދޮރުވެރިކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަށް އެންމެ ބޮޑަށް ހިންގާނީ ފޭސް އެކަކާ އެންމެ ކައިރީގައި އޮންނަ ނެއިބަހުޑެއްގައި. އެއީ އޭގެ ސަބަބުން ކަރަންޓާ ފެނާ މިފަދަ ޔުޓިލިޓީސް ގުޅަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެތީ. ބިން ވިއްކަން ބަލާއިރު އަޅުގަނޑުމެން ބޮޑަށް ޕްލޭންކޮށްފަ މިއޮތީ ބީޗް ފްރޮންޓް ހިސާބުތަކުން ބިން ވިއްކަން،" ސައިމަން ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ބިން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ބޮޑު އިސް ކަމެއް ދީފައިވާއިރު ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ހިއްކާފައިވާ ބިމުގައި ޔޮޓް މެރިނާ އާއި ކުރޫޒް މެރިނާ ޓާމިނަލެއް ގާއިމްކޮށް ޓޫރިސްޓް އައިލަންޑްގެ ގޮތުގައި ވަކި ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ރޯޑް ނެޓްވޯކްވެސް އެތަނުގައި އަޅަން،"

މިނިސްޓަރު މުއިޒް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކާފައިވާ ބިމަކީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު ބިން ކަމަށެވެ. އެ ބިން ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހައުސިން ޕްރޮޖެކްޓްތައް ހިންގާނީ ހައުސިން މިނިސްޓްރީ އިން ކަމަށާއި އެހެންކަމުން ލަސްތަކެއް ނުވެ އިމާރާތްކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ އަޅަން ނިންމާފައިވަނީ 1500 މެދުފަންތީގެ ހައުސިން ޔުނިޓް ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ވެސް ހިމަނާފައިވާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ލޯނު ހޯދުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުންވެސް ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ބައެއް ފްލެޓްތައް މިހާރުވެސް ބިޑް ކޮށްފައިވާތީ، އެ ހުރިހާ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.