ހައުސިން ޔުނިޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7،100 ޔުނިޓް އަޅަން ހުޅުވާލައިފި

  • ޕްރޮޖެކްޓަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވޭ
  • ވަރަށް އަވަހަށް ކުންފުންޏެއް ހޮވައި ހަވާލު ކުރާނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7،100 ސޯޝަލް ހައުސިން ޔުނިޓް އަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލުކޮށް މަސައްކަތްފަށާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ޔޫތު ސިޓީގައި 1500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން ޔުނިޓުގެ 7100 ހައުސިން ޔުނިޓު އަޅައިދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން ހުޅުވާލާފައިވާ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވެގެން ވަރަށް ގިނަ އަދަދެއްގެ ކުންފުނިތަކުން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ކަމަށެވެ.

"7100 މެދުފަންތީގެ ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތުގެ ޕްރޮޕޯސްލް ލިބެމުންދާ ވަރަކަށް އެ އިވެލުވޭޓުކޮށްގެން ސަރުކާރުގެ އިކޮނޮމިކް އެންޑު ޔޫތު ކައުންސިލަށް ފޮނުވައި ފާސް ވުމުން އެމަސައްކަތް ކުންފުންޏަކާ ހަވާލުކޮށް ސޮއިކުރާނަން. އޭގެ އިދާރީ މަސައްކަތްތަށް މިހާރު މިދަނީ ކުރަމުން،" މުއިއްޒު ވިދަޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައި ހުޅުމާލޭގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓުތަކެއް ސަރުކާރުން ގާއިމް ކުރުމަށް ރާވާފައިވާ މަށެވެ.

"މާލޭގަ ގެދޮރު ނެތި ނޫނީ ދަތިކޮށް އުޅޭ ފަރާތްތަކަށާއި ރައްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ތަރައްގީ ހާސިލް ކުރުމުގެ ދަތިތަށް ކުރިމަތި ވެފައިވާ ރަށްރަށުގައި އުޅޭ ރައްޔިތުންނަށްވެސް ދެވަނަ ފިޔަވަހީގެ ބިމަށް ބަދަލުވާން ފުރުސަތު ލިބޭނެ. އެފަދަ ރައްރަށުގެ މުޅި އާބާދީ ހުޅުމާލެ ބަދަލުވާން ވިޔަސް ދެވަނަ ފިޔަވަހީގައި ގެތަށް އަޅަން ފެށުން ފުރުސަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.