ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިން ބެއިޖިންގައި މިއަދު ބައްދަލު ކުރައްވާނެ އެވެ.
ދުނިޔޭގައި ކޮވިޑް ފެތުރިގަތް ފަހުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޝީ ޖިންޕިން ގައުމުން ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ. އަދި މިއީ ކޮވިޑާ ގުޅިގެން ޗައިނާގައި އަޅުވާފައި އޮތް ބަންދަށް ފަހު ބޭރު ގައުމެއްގެ ވެރިޔަކާ ޝީ ޖިންޕިން ބައްދަލު ކުރައްވާ ފުތަމަ ފަހަރެވެ.
ޗައިނާގައި މިއަދު ވިންޓާ އޮލިމްޕިކްސް މުބާރާތް ފަށާނެ އެވެ. މި މުބާރާތާ ގުޅިގެން ޗައިނާއާށް ވަޑައިގެން އުޅުއްވާ ގައުމުތަކުގެ ލީޑަރުންނާ ޝީ ޖިންޕިން ބައްދަލު ކުރައްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޝީ ޖިންޕިން ރައީސް ޕޫޓިންއާ ބައްދަލު ކުރައްވާއިރު ރަޝިއާ އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގަ އެވެ. ރަޝިއާ އާއި ޔުކްރޭން މައްސަލަ ބޮޑުވެ ވަނީ ހުޅުފަޅައިގެން ގޮސްފަ އެވެ.
ރަޝިއާ-ޔުކްރޭން މައްސަލައާ ގުޅޭ ގޮތުން ޗައިނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ޕޫޓިންއާ ޝީ ބައްދަލު ކުރެއްވުމަކީ ހުޅަނގު ހީކަރުވާނެ ކަމެކެވެ.
ޗައިނާ އާއި ރަޝިއާ އަކީ ވަރަށް ގިނަ ކަންކަމުގައި ފިކުރު އެއްގޮތް ދެ ގައުމެވެ. އެހެން ނަމަވެސް ހަނގުރާމައަކަށް ތާއީދުކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ރަޝިއާއަށް ޗައިނާ އިން ބާރުއަޅާނެ ކަމަށް ބެލެވެނީ ހަނގުރާމަ ދޫކޮށްލައި ތަރައްގީއަށް ރުޖޫއަވުމަށެވެ. އަދި ދެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ދޫދިނުމަށް ފަހު ސުލްހަވެރިވެ ޒިންމާވުމަށް ވެސް ނަސޭހަތްތެރިވާނެ ކަމަށް ބެލެވެ އެވެ.
ޕޫޓިން އައި ޝީ ބައްދަލު ކުރެއްވުމަށް ފަހު ދެގައުމު ގުޅިގެން ބަޔާނެއް ނެރޭނެ އެވެ. އަދި އެއަށް ފަހު ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދެ ލީޑަރުން ވަޑައިގަންނަވާނެ އެވެ.