އިސްކަންދަރު ސްކޫލުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ސެމީޑީލް ގޭގެ ފުރަތަމަ ފަންގިފިލާގައި އެމްޑީޕީގެ ޖަގަހައެއް ހިންގާތީ އެ އިމާރާތުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް ވޯޓްލާންދާ މީހުންނަށް އެމްޑީޕީން ފައިސާ ބަހަނީ އެ ޖަގަހައިން ކަމަށް ބުނެ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް މިއަދު މައްސަލަ ވެސް ހުށަހެޅި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ހުޅުވީ މ. ސެމީޑީލް ގޭގޭ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އެ ޖަގަހައިގައި ވޯޓުލުމާ ގުޅޭ ކަންކަން އިންތިޒާމު ކުރެވިގެންދާނެ ކަމަަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމުން ކުރިން ތުހުމަތު ކުރި ގޮތުގައި ވޯޓްލާން ދިޔަ ބައެއް މީހުން އެމްޑީޕީގެ ޖަގަހަ އަށް ކޮންމެ މީހަކު ވަކިން ވައްދާ ފައިސާ ދީފައިވެ އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އިންތިހާބު އޮމާންކަމާއި އެކު ކުރިއަށްދާތީ ޕީޕީއެމުން އެފަދަ ވާހަކަ ދައްކަނީ ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އިންތިހާބާ ގުޅޭ ދެ ޝަކުވާ އެއް މިހާތަނަށް ލިބިފައިވާ ކަމަށާއި އެކަމަކު އިންތިހާބު ދަނީ އޮމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.