ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އާންމު ޖަލްސާތައް މާދަމާ ފަށަނީ

Feb 6, 2022
1

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އާންމު ޖަލްސާތައް މާދަމާ ފަށަން ނިންމާ، އެޖެންޑާ އާންމުކޮށްފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ތިންވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިިލިސް ހުޅުއްވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވާފަ އެވެ.

މަޖިލިސް ކުރާ ގޭގައި މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ޖަހާއިރު އެވެ.

މާދަމާގެ ޖަލްސާގައި އެޖެންޑާގެ ހިމެނެނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވާ އާސިމް މުހައްމަދަށް ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. އަދި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް)ގެ އެއްބަސްވުމަށް ބަދަލުގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް ކަމަށްވާ "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމެންޓް ރާއްޖެއިން ބަލައިގަނެ ތަސްދީގު ކުރުމާމެދު މަޖިލީހުގެ ރުހުން އޮތް ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާއިރު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ނިމި އެ ދާއިރާގެ ގޮނޑި އަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވަނީ ހޮވާފަ އެވެ.

އޭނާ މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ އިންތިޒާމުތައް މަޖިލީހުން ފަށާނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށް އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމުންނެވެ.