ލައިފްސްޓައިލް

ސޯނޫ އަނެއްކާވެސް ހީރޯ އަކަށް

އިންޑިއާގެ ހައިވޭއެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވީ ޒުވާނެއްގެ ފުރާނަ ސަލާމަތްކޮށްދީގެން ސޯނޫ ސޫދު އަށް އަނެއްކާ ވެސް ހީރޯއެއްގެ ދަރަޖަ ގިނަ ބަޔަކު ދީފި އެވެ. ސޯނޫ މި ޒުވާނާ ކޮނޑަށް ލައިގެން ގެންދާ މަންޒަރުގެ ވީޑީއޯ އޭނާގެ ފައުންޑޭޝަނުން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

މި ވީޑިއޯގައި ފެންނަނީ ސޯނޫ އާއި އޭނާގެ ޓީމުން ހައިވޭގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓެއް ހިނގާފައިވާ ތަނެއް ފެނި އެތަނަށް މަޑު ކުރާ ތަނެވެ. އަދި ސޯނޫ ގޮސް އެކްސިޑެންޓްވެފައި އޮތް ކާރެއް ތެރޭ ހޭނެތިފައި އޮތް ޒުވާނެއް ނަގައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ވެސް މި ވީޑިއޯގައި ފެނެ އެވެ.

މި އެކްސިޑެންޓްގައި މުޑިއަރާފައި އޮތީ ދެ ކާރެކެވެ. ސޯނޫ އާއި އޭނާގެ ޓީމުން ވަނީ އެ ކާރުތައް ހުޅުވައިގެން ނެރެފައިވަނީ އެ ކާރުގެ ޑްރައިވަރު ސީޓުގައި އިން ޒުވާން ފިރިހެނެކެވެ. ސޯނޫ ވަނީ އޭނާ ކާރުން ނެރެގެން އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް އެހެން ކާރެއްގެ ފަހަތު ސީޓުގައި ބާއްވައިގެން ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ.

މިކަމާ ގުޅޭ އެހެން ވީޑިއޯ ކްލިޕެއްގައި އެކްސިޑެންޓްވީ މީހާ ހޮސްޕިޓަލުގެ ސްޓްރެޗަރެއްގައި ބާއްވާފައި އޮތް ތަނާއި ސޯނޫ އެމީހާގެ ހާލު ބަލަން އެތާ މަޑުކޮށްގެން ހުއްޓާ ފެނެ އެވެ.

ސޯނޫ ސޫދު ފައުންޑޭޝަނުން މި ވީޑީއޯ ކްލިޕްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. މިޒަމާނުގައި ސޯނޫ ފަދައިން އެކަކު އަނެކަކަށް އެހީތެރިވާން އެންމެންވެސް އިސް ނަގާނެ ނަމައޭ ކޮމެންޓުކުރި އެކަކު ބުނެފައި ވެއެވެ.

އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައިވަނީ ސޯނޫ އަކީ އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ލާމަސީލު މިސާލެއް ކަމަށް ދެކޭ ކަމަށެވެ. އަދި އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެގޮތަށް ގަބޫލުކުރާނެ ކަމަށެވެ.

ކޮވިޑް-19 ޕެންޑެމިކް ފެށުނުތާ ކުރީކޮޅު އިންޑިޔާގެ ރަށްތައް ލޮކްޑައުންކުރުމުން ހާލުގައި ޖެހުނު އެތައް ހާސް ބަޔަކަށް ސޯނޫ ވަނީ އެމީހުންގެ އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމަށް އެހީތެރިވެދީފަ އެވެ. އަދި ލޮކްޑައުންތެރޭގައި ހާލުގައި ޖެހުނު މި ނޫންވެސް އެތައް ހާސް ބަޔަކަށް ސޯނޫގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.