ހުސައިން އަމްރު

ޗެއާޕާސަންގެ ރޭޙުން އަމުރު ވަކިވެއްޖެ

Feb 13, 2022

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެ މަގާމަށް ކުރިމަތި ނުލެއްވުމަށް ނިންމަވައިފި އެވެ.

އަމުރު، އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އިއުލާން ކުރެއްވުމުން ކަމަށް ބައެއް އަރިސް ބޭފުޅުން ވިދާޅުވެ އެެވެ. އަމުރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިއާ އެކު ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އިތުރު ބޭފުޅުންނަށް އަދިވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިމްތިޔާޒު ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ. އަދި ފައްޔާޒު ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން ޒުވާނުންގެ ޔޫތު ވިންގު އަދި އަންހެނުންގެ ރޫހުގެ އިންތިހާބަށް ކުރިމަތިމަތިލުމުގެ ފުރުސަތު ހުޅުވާލީ އިއްޔެގެ ވަގުތެއްގަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހަސަން ލަތީފް އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ފަސް އަހަރު ކުރިން ފެބްރުއަރީ 12، 2017 ގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވި ހަމައެކަނި ބޭފުޅަކީ ވެސް ހަސަން ލަތީފް އެެވެ.