ހުސައިން އަމްރު

އެމްޑީޕީ ބަލިވީ ރަނގަޅު ލީޑާޝިޕެއް ނެތުމުން: އަމްރު

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ ރަނގަޅު ލީޑާޝިޕެއް ނެތުން ކަމަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުންގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ގައި ރޭ ބޭއްވި ޖަލްސާގައި އަމްރު ވިދާޅުވީ ގިނަ ބައެއްގެ ގުރުބާނީއާއެކު އުފެއްދި އެމްޑީޕީން ބޮޑެތި ކާމިޔާބީތަކެއް 2018 ވަނަ އަހަރާ ހަމައަށް ހޯދި ކަމަށެވެ.

އެގޮތުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި ކާމިޔާބު ކުރިކަން ފާހަގަކުރެއްވި އެވެ.

އަމްރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އަދަދު ދަށަށް ގޮސް ވެރިކަން ގެއްލުނުއިރު އެކަންކަމުގެ ސަބަބުތައް ދެނެގަންނަންޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް އެކަންކަން އެޖެންޑާ ނުކުރާކަން ފާހަގަކޮށް އަމްރު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި އޭނާ ހުންނެވިނަމަ އެކަންކަން ކުރައްވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް އެ ބޭފުޅުން ވާހަކަދެއްކެވި ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިއްޖެ، އެ ފަސް އަހަރުގެ ތެރޭގައި އެ އޮތް ބޮޑު ޕާޓީ ކުޑަވެގެން ދިޔަ ގޮތް. އެ ލީޑަޝިޕެއް އެމްޑީޕީއަކު ނެތް" އަމްރު ވިދާޅުވި އެވެ.

އަމްރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ގޮނޑި އެއް ވެސް ކާމިޔާބު ކުރުން ނާދިރު ކަމަށާއި އެމްޑީޕީ އޮތީ ވަރަށް ހާލުގައި ކަމަށެވެ.

"އެ ޕާޓީ މިހާރު އޮތް ދަރަޖައިން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ނެގުމާ ދޭތެރޭ ވެސް ޝައްކު. އެ ހާލަތުގައި އޮތީ" އަމްރު ވިދާޅުވި އެވެ.