އިގްތިސާދީ ގޮތުން ގައުމު ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ލޯމަރާލާފައި ނަމަވެސް މިވަގުތު އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ އިގުތިސާދީ ގޮތުން ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ވުމަށްޓަކައި އަވަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ގައުމު މިއަދު އޮތް އުދަނގޫ ހާލަތަށް އައީ 2018 ވަނަ އަހަރުން ފެށިގެން ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެކި ފަރާތްތަކުން ދިން ނަސޭހަތް ގަބޫލުނުކުރުމުން ކަމަށެވެ. ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ސަރުކާރުތަކުން އެހާ އިސްކަންދޭ ކަމެއް ނޫން ކަމަށާއި ނަމަވެސް ހާލަތު ގޯސްވީ އެކަން ނުކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.
ކޮންމެ ވެރިކަމެއްގައިވެސް ދަރަނި އިތުރުކުރަމުން ދިޔަކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރު ފެށުނު އިރު 56.3 ބިލިއަން ރުފިޔާގެ ދަރަނި އޭރުވެސް ރީސްޓްރަކްޗާ ކުރަން ހުރި ކަަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އޭރުގެ ވެރިން ދަރަނި ރީސްޓްރަކްޗާ ނުކުރުމުން މިއަދު ދަރަނީގެ އަދަވަޅަކަށް ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާތީ ދަރަނި ރީސްޓްރަކްޗާ ނުކޮށް ހަމައެކަނި ރީފައިނޭންސް ކޮށްގެން މިހާރު ދިމާވެގެން އުޅޭ ދަތިތަކުން އަރައިނުގަނެވޭނެ ކަމަށެވެ.
"އެކަން ކުރެވެނީ ހަމަ ދަރަނި ރީސްޓްރަކްޗާ ކޮށްގެން،" އިލްޔާސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުސައިން އަމްރު ވިދާޅުވީ އިގްތިސާދީ ގޮތުން ގައުމުގެ ހާލަތު މިހާރު ބަދަލުވަމުންދާ ގޮތާއި ގައުމުގެ ހާލާތު އޮތްގޮތް ސާފުކޮށް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
ދައުލަތުގެ މާލީ ހިސާބުތައް ސަރުކާރުން ހާމަނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައިވެސް އަމްރު ވިދާޅުވި އެވެ. އެހެންވެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.
"ފަރުދީ ޒިންމާއެއްގެ ގޮތުގައިވެސް މިކަން ޒިންމާ ދާރުގޮތެއްގައި ކުރަންޖެހޭ. މިވާހަކަތައް ރައްޔިތުންނަށް ކިޔައިދޭންޖެހޭ. މައުލޫމާތު ސަފުކޮށްދޭންޖެހޭ،" އަމްރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ ސާފު އަދަދު ހާމަ ނުކުރުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ގައުމަށް މިއަދު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ގަތުމަށް ހުރިހާ އެންމެން ގުޅިގެން މަޝްވަރާކޮށްގެން ހައްލު ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.