އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ނަޝީދުގެ ކެމްޕޭނާ އަމްރު ގުޅިވަޑައިގެންފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދާއެކު އަމްރު މިއަދު ވަނީ ގއ. އަދި ގދ. އަތޮޅަށް ވަޑައިގެންފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަމްރުއަކީ އެ ޕާޓީގެ މަތި ދެކުނު ޕްރޮވިންސް ރައީސް އެވެ.

އަމްރު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅުތައް ރައީސް ނަޝީދު ފެއްޓެވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު ފުރަތަމަ ވަޑައިގެންނެވީ އުތުރުގެ ތިން އަތޮޅަށެވެ. ކެމްޕޭންގައި ރައީސް ނަޝީދު ވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ވަޑައިގެންފަ އެވެ. އޭގެ އިތުރުން ފުވައްމުލައް ސިޓީއަށްވެސް ވަޑައިގެންނެވި އެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅަށް ވަޑައިގެންފަ އެވެ.

އޭގެ ފަހުން ކެމްޕޭންގައި ރައީސް ނަޝީދު ވަޑައިގެންނެވީ ލ. އަތޮޅާއި ތ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ވ. އަތޮޅަށެވެ. އަދި ކ. އަތޮޅާއި ޅ. އަތޮޅަށް ވަޑައިގެން ވަނީ ކެމްޕޭން ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.