ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ރިޓަޔާ ކުރުމަށްފަހު ކޮންޓްރެކްޓް އުސޫލުގެ ދަށުން ތިން އަހަރު ވަންދެން ވަޒީފާއަށް ނެރެވޭނެ ގޮތަށް ގަވައިދު ބަދަލު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފި އެވެ.
އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޕާލިމެންޓަރީ މުވައްޒަފުންގެ ގަވައިދުގެ 13 ވަނަ މާއްދާގެ (ބ) އަށް ގެނައި އިސްލާހާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ފުރަތަމަ ވަނީ ނުރަސްމީކޮށް އެ އިސްލާހާ މެދު މަޝްވަރާކޮށް މެންބަރުންގެ ހިޔާލުތައް އެއްގޮތްކޮށްފަ އެވެ.
މަޝްވަރާއަށްފަހު ކޮމިޓީގެ މުގައްރިގު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީން ގެންނަން ނިންމި އިސްލާހުގައިވާ ގޮތުން 65 އަހަރުވެފައިވާ ޕާލިމެންޓްރީ މުވައްޒަފަކު ރިޓަޔާ ކުރުމަށްފަހު ކޮންޓްރެކްޓް އުސޫލުން އަލުން ނެގުމުގެ އިހުތިޔާރު އަމީންއާއްމަށް އޮންނާނެ ކަމަށެވެ.
އެގޮތަށް ނެގޭނީ އެ މުވައްޒަފަކީ ރިޓަޔާކުރި އިރު އޭގެ ކުރީގެ ތިން އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް މާކްސް 75 ޕަސެންޓަށް ވުރެ މަތިން ހޯދާފައިވާ މުވައްޒަކަށް ވާނަމަ އެވެ. އެންމެ ފަހުގެ އެޕްރައިޒަލް މާކްސް ވެސް 75 ޕަސެންޓަށް ވުރެ މަތިވާން ޖެހެ އެވެ. އަދި އެއީ މަޖިލީހުގައި އަދާކުރަންޖެހޭ ވަޒީފާއަށް އެކަށީގެންވާ ކުޅަދާނަކަމާއި ވަޒީފާ އަދާކުރެވޭވަރުގެ ސިއްހަތު ހުރި މީހެއް ކަމަށްވެސް ވާންޖެހެ އެވެ.
މީގެ އިތުރުން މުގައްރިރު ވިދާޅުވީ ރިޓަޔާކޮށްފައިވާ މުވައްޒަފަކު ކޮންޓްރެކްޓް އުސޫލުން ނަގާއިރު އެ ކޮންޓްރެކްޓް ހެދޭނީ ކޮންމެ އަހަރަކު ވެސް އާކުރާ ގޮތަށެވެ. އެ އުސޫލުން ނަގާ މުވައްޒަފަކަށް ދެވޭނީ ރިޓަޔާކުރި އިރު ދެމުން އައި މުސާރައާއި އިނާޔަތްތަކަށް ވުރެ ބޮޑު ނޫން މުސާރައެއް ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ޕާލިމަންޓަރީ މުވައްޒަފުންގެ ގަވައިދަށް ކޮމިޓީން ގެނައި އިސްލާހު ފާސްވީ މިއަދު ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.