އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ދިފާއުގައި ހެއްކެއްގެ ގޮތުގައި ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމްގެ ނަން އާތިފް ހުށަހަޅުއްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އާތިފްގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅުއްވީ ނިޔާޒުގެ އިތުރުން އަހްމަދު އައްސަދާއި، ޔަމީން އާދަމްއާއި، އަބްދުالله އަޝްރަފް އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގަވައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓާއި ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ. އެ ނިންމުން އާތިފް ނިންމެވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯއްދަވައި ދެއްވުމަށް ކަމަށް ދައުލަތުން ބުނެ އެވެ.
އެހެންވެ އާތިފްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހަތަރު ބޭފުޅެއްގެ ނަން ހުށަހެޅުއްވީ އެމްއެމްޕީއާރްސީން ހިންގި މުއާމަލާތްތަކުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަން ފާހަގަކުރެވުމާއެކު އެކަމަށް ފިޔަވަޅު އެޅިކަން ސާބިތުކޮށްދިނުމަށެވެ.
ދައުވާއާއި ގުޅިގެން އާތިފް މިއަދު ވިދާޅުވީ އެފްއައިޔޫގެ ވެރިޔާގެ މަސްއޫލިއްޔަތުތައް އެނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން އެފްއައިޔޫ އިން ކަންކަން ރިޕޯޓް ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށާއި އޭނާ އެގޮތަށް އަމަލުކުރެއްވި ކަމަށެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ. އެފްއައިޔޫގެ ވެރިޔާ އައްޔަންކުރުމުގެ ބާރު ލިބިފައިވަނީ ގަވަރުނަރަށެވެ.
އާތިފްގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 10،000 ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އިއްވާނެ އެވެ.