މުހައްމަދު އަސްލަމް

ބައެއް މަޝްރޫއުތައް ވަރަށް ލަސް: އަސްލަމް

ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ކުރިއަށްދާލެއް ވަަރަށް ލަސް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ވިލިނގިލީ ދާއިރާގެ މަޝްރޫއެއް ކުރިއަށް ނުދާތީ ސުވާލުކުރުމަށް މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ތިމަރަފުށީގައި އަށް މަގު ހަދަން 2019 ވަނަ އަހަރު އާރުޑީސީއާ ހަވާލުކުރި ކަމަށާއި ނަމަވެސް މަޝްރޫއު ދިގުލައިގެން ގޮސް 10 އަހަރު ތެރޭވެސް އެކަން ނިމެނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި މި މަޝްރޫއު ނިމޭނީ ކޮން ދުވަހަކުންތޯ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އަސްލަމް ވިދާޅުވީ ބައެއް ކުންފުނިތަކުން މަޝްރޫއުތައް ކުރިއަށްދާލެއް ވަރަށް ލަސް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ކުންފުނިތައް ދިފާއު ނުކުރައްވާނެ ކަމަށެވެ.

"މަސައްކަތް އަދި ހަވާލުކުރުން އަދި އެކަން ކުރެވޭ ކަމަށްވެސް ވަނީކީ ނޫން. ކުންފުނިތަކުގެ ކެޕޭސިޓީ ހުންނަންވެސް ޖެހޭ. އަދި އަޅުގަނޑު މެނޭޖްވެސް ކުރަން ޖެހޭ. ދެން މިކަހަލަ މަސައްކަތް މަދުވެސް ކުރަން ޖެހޭ. އަޅުގަނޑު ވަރަށް ބާރު އަޅާ މަސައްކަތް ކުރާނަން ލަސްވެފައި ހުރި ތަންތަން އަވަހަށް ގެންދަން. އަޅުގަނޑަކަށް މިތާ ހުރެފަ ދަންނަވާކަށް ނުކެރޭނެ މިވެނި ދުވަހަކަށް ނިންމާނަމޭ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ލަހުން މަޝްރޫއުތައް ކުރިއަށް ގެންދަ ކުންފުނިތަކުގެ ތެރޭގައި ބިދޭސީ އަދި ދިވެހި ކޮންޓްރެކްޓުންވެސް ހިމެނޭ ކަމަށެވެ.

އެހެންވެ މު ކުންފުނިތަކަށް ފާރަވެރިވުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީގައި ބައްދަލުވުންތަކުގައި ވެސް މިކަން ފާހަގަކޮށް ކޮންޓްރެކްޓަރުން މަޝްރޫއުތައް ކުރިއަށް ގެންދަން ސައިޓްތަކަށް މީހުންނާއި ތަކެތި ގެންދޭތޯ ކަށަވަރުކުރަން މުވައްޒަފުންނަށް އަންގަމުންދާ ކަމަށެވެ.

"ނުވާ ކަމަށް ވަންޏާ ހުންނާނެ ޕީނަލައިޒް[ފިޔަވަޅު އެޅުން] ކުރެވޭނެ ގޮތްގޮތްވެސް. އެހެންވީމާ ޕީނަލައިޒްކުރުމާ ދެން އަލްޓިމޭޓްލީ[އެންމެ ފަހުން] ޓާމިނޭޓްއަކަށް ދާން ޖެހިއްޖިއްޔާ ޓާމިނޭޓް. އަދި ޓާމިނޭޓްކުރުމަކީ ކަމެއް ކުރެވުމެއް ނޫން. އެ ދެން ޕްރޮސެސްއެއް އެއީ." އަސްލަމް ވިދާޅުވި އެވެ.