އެމްޑީޕީ

އެމްޑީޕީ ޕީޖީ ގުރޫޕްގެ އިންތިހާބުގެ ވާދަވެރިކަން ބޮޑު

Feb 17, 2022

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ޕީޖީ ގުރޫޕްގެ އިންތިހާބު ބޭއްވުމަށް ހަމަޖައްްސާފައިވަނީ މާދަމާ މެންދުރުފަހު 1:30 އިން ހަވީރު 5:30 އަށް އެމްޑީޕީގެ ހެޑް އޮފީހުގަ އެވެ.

ޕީޖީ ގުރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް ލީޑަރަކަށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ބިގޭ މިވަގުތު ހުންނެވީ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގަ އެވެ. މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.

މީގެއިތުރުން ސެކްރެޓަރީ ޖެނެރަލްގެ ނައިބާއި ޗީފް ވިޕް ވެސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ޖުމްލަ 65 މެންބަރުން ހިމެނެ އެވެ.