އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްއިން އިންޑިއާގެ ޔުނިވާސިޓީއަކާ ގުޅިގެން ދިރާސާތައް ހަދަނީ

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް)އާ އިންޑިއާގެ އަލިގާ މުސްލިމް ޔުނިވަރސިޓީއާ ގުޅިގެން ދިރާސާތައް ހަދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެމްއޯޔޫގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި އަލިގާ މުސްލިމް ޔުނިވާސިޓީ ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެޖިސްޓާ އަބްދުލް ހާމިދެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫމަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދެމުގައި އިލްމީ ކަންކަމާއި ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން
އެހީތެރިކަން ފޯރުކޮށް ދޭނެއެވެ. އަދި ހާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގައި
ޓްރެއިނިން ސެޝަންސްތަކާއި ސެމިނާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ދޭނެ އެވެ.

މީގެ އިތުރުން ދެ ޔުނިވާސިޓީ ދެފަރާތުން ގުޅިގެން ރިސާޗް ޕްރޮޖެކްޓްތައް ވެސް ހިންގާނެ އެވެ.

އަލީގާ މުސްލިމް ޔުނިވާސިޓީއަކީ އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީ އެކެވެ. މި ޔުނިވާސިޓީ ހުޅުވާފައި ވަނީ ޕާކިސްތާނާއި އިންޑިއާ ވަކިވުމުގެ ވެސް މަ ކުރިން 1875 ވަނަ އަހަރު އެވެ. މި ޔުނިވާސިޓީގައި ޕާކިސްތާނާއި އިންޑިއާއަށް ނިސްބަތްވާ މުހިންމު ބޭފުޅުން ތައުލީމް ހާސިލުކުރައްވައިފައި ވެއެވެ.