ރަށްރަށުގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އދ. ކުނބުރުދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކުނބުރުދޫ ކައުންސިލަރުން ވަނީ އެރަށުގެ ބިން ފުރުމުގެ ސަބަބުން ރަށުގެ ކުރިމަގަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ކުނބުރުދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ހާލަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ރައީސްއާ ހަވާލުކުރައްވާފަ އެވެ.
ކައުންސިލަރުން ވިދާޅުވީ ކުނބުރުދޫގެ ތަރައްގީއަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާ ގުޅިފައިވާ ގޮންޖެހުންތަކެއް ކަމަށެވެ. އެގޮތުން ކައުންސިލުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ބިން ފުރުމުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތަކާއި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިތަކެވެ.
މީގެ އިތުރުން ރަށު ބަނދަރު ބޮޑުކުރުމާއި ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމާއި ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާބެހޭގޮތުން މަޝްވަރާކުރެއްވި އެެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ރަށްރަށުގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. އަދި ކުނބުރުދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން އެކަންކަމަށް ހޯދައިދެވެން ހުރި ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.