ޕްރިމިއާ ލީގުގެ މެޗުތައް ދިރާގު ޓީވީ އިން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ބުނީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއާ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮއަގުގައި ބެލޭނެ ކަމަށެވެ. ނިއޯ ޓީވީ ޗެނަލް ދިރާގު ޓީވީ އަދި ދިރާގު ފްލޯގެ ހުރިހާ ޕެކޭޖްތަކެއްގައި ވާނީ ހިމަނާފައި ކަމަށެވެ.
ދިރާގު ޓީވީ މެނޭޖަރު ޒިހާރު ޒަރީރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅަ އަށް ފޯރިހުންނަ ދިވެހީންނަށް މި ހަބަރު ހިއްސާ ކުރަނީ ނުހަނު އުފަލާ އެކު ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ކަސްޓަމަރުން ދިރާގުޓީވީއަށް ކުރި އިތުބާރާއި ދިން ތަރުހީބަށް ޝުކުރު އަދާކޮށްފައިވެއެވެ.
"ކުރިއަށް އޮތް ތާންގައިވެސް މަސައްކަތްކުރަމުންދާނީ ކުޅިވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަން ފޯރުކޮށްދިނުމަށް،" ޒިހާރު ޒަރީރު ވިދާޅުވި އެވެ.
ނިއޯ ޓީވީގެ ސީނިއާ އެގްޒެކެޓިވް، އިބްރާހިމް އަލީ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އައިފީ ޓީވީ ހިދުމަތް ފޯރުކޮށްދެމުންދާ ދިރާގުޓީވީ މެދުވެރިކޮށް އެންމެ ފޯރިގަދަ ޕްރިމިއާ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާ ގައިވެސް މަސައްކަތް ކުރަމުންދާނީ ދިރާގުޓީވީ މެދުވެރިކޮށް ތަފާތު ގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ އެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރުޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި ހެޔޮ އަގުގައި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައި ކަމަށާއި ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.