ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހަމައެކަނި 100 އިންސައްތަ ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގަވާއިދު ހެދުމާ ގުޅިގެން ބްރޯޑްކޮމް އާއި ދެކޮޅަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް -- ދިރާގުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ބްރޯޑްކޮމް ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ދިރާގުގެ 52 އިންސައްތަ ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި -- ބަޓެލްކޯ އެވެ.
ގަވާއިދުގެ ސަބަބުން ދިރާގުގެ، ދިރާގު ޓީވީއަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެ އެވެ.
ދިރާގުން ހުށަހެޅި މައްސަލައިގައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އަށްވަނަ މާއްދާ ނުވަތަ އަށްވަނަ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރަކީ ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފަ އެވެ.
ގަވާއިދުގެ އަށްވަނަ މާއްދާއަކީ ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ހ)ގެ3 ފަސްވަނަ ނަންބަރުގައި ބުނެފައިވަނީ ރީ ބްރޯޑްކާސްޓްކުރުމަށް އެދޭ ފަރާތަކީ 100 އިންސައްތަ ދިވެހިން ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށެވެ.
ބްރޯޑްކޮމް އާއި ދެކޮޅަށް ހައިކޯޓަށް ދިރާގުން ވަނީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަށް ލިބިފައިވާ އިހުތިސާސްގެ ތެރޭގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ބެލުން ހިމެނޭ ކަމަށެވެ.
އެ ދެ ހާލަތަށް ފެތޭ ބާވަތުގެ ތައާރުޒުވުމަކަށް ނުވާތީ ދިރާގުން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެެވެން ނެތް ކަމަށް ވަނީ އަންގާފަ އެވެ.
ބްރޯޑްކޮމްގެ ގަވާއިދުގެ ސަބަބުން ރީ ބްރޯޑްކާސްޓިން ދާއިރާއަށް ނުފޫޒު ފޯރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއްވެސް ހުށަހަޅާފަ އެވެ. އެ ގަރާރު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.