ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހަމައެކަނި 100 އިންސައްތަ ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހެދި ގަވާއިދު އިސްލާހުކުރަން އަންގަން މަޖިލީހުގެ ގަވައިދު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ކޮމިޓީން އެ ގަވައިދު އިސްލާހުކުރުމަށް އަންގަން ނިންމީ ރީބްރޯޑްކާސްޓިން ގަވައިދު އިސްލާހުކުރުމަކީ ބްރޯޑްކޮމް އަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށް ނިންމުމަށްފަހު އެވެ.
ބްރޯޑްކޮމް އިން ގަވާއިދު ހެދުމާ ގުޅިގެން ދިރާގު ޓީވީއަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭތީ އެ ކުންފުނިން ވަނީ ބްރޯޑްކޮމް އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓިން ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރީބްރޯޑްކާސްޓިން ގަވައިދު އިސްލާހުކުރުމަށް ބްރޯޑްކޮމްއަށް އަންގަން މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ.
މީގެ އިތުރުން މި ގަވާއިދުގެ ސަބަބުން ރީބްރޯޑްކާސްޓިން ދާއިރާއަށް ނުފޫޒު ފޯރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއް ދިރާސާކުރުމުގެ މަސައްކަތް ވެސް ގަވައިދު ކޮމިޓީން ގެންދަނީ ކުރަމުންނެވެ.