ފިނިޕޭޖް

ކެރެލާގެ ފަގީރު ދެމަފިރިއެއްގެ ތިން ދަރިން ޑޮކްޓަރުކަން ކިޔަވަނީ!

Feb 19, 2022

އިންޑިޔާގެ ކެރެލާގެ މެޓުވަޒީގެ އަޓައްޕަޑީ ހިލްސްގައި ދިރިއުޅޭ ރާމްޗަންދުރަން އާއި ކަމަލާ އަކީ ވަރަށް ފަގީރު ދެމަފިރިންނެވެ. ގޭގޭގައި މަސައްކަތް ކޮށްދީގެން އެ ދުވަހަކު ލިބޭ މަދު ފައިސާކޮޅުން އާއިލާ ބަލަހައްޓައިގެން އުޅޭ މި ދެމަފިރިންނަކީ މިއަދު ވަރަށް ފަޚުރުވެރި ދެ މީހުންނެވެ. ސަބަބަކީ އެމީހުންގެ ތިން ދަރިންނަކީ މިހާރު ކަޒަކޮޑޭގެ މަލަބާރް މެޑިކަލް ކޮލެޖު އެންޑް ރިސާޗް ސެންޓަރުގައި އެމްބީބީއެސް ކޯސް ހަދަމުންދާ ކުދިންނަށް ވާތީ އެވެ.

އިންދަރުޖީތު އާއި އިންދްރާޖާ އަދި އިންދޫޖާ އާ ތިން ބެއިން މީގެ ފަސްވަރަކަށް އަހަރު ކުރިން އުޅުނީ ވަރަށް ފަގީރު ހާލުގަ އެވެ. ކެއުން ބުއިމަށާއި އެނޫން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފެން ބަލާ ކޯރެއް ކައިރިއަށް އެކުދިން ދުވާލަކު ދެ ކިލޯމީޓަރު ދަތުރު ކުރި އެވެ. އެކުދިންގެ ގޭގައި ކަރަންޓެއް ނުހުރެ އެވެ. ކިޔަވަނީ ކަރާސީނު އަޅައިގެން ދިއްލާ ފާނޫޒެއްގެ އަލީގަ އެވެ.

ނަމަވެސް ފަގީރުކަމަކީ ތައުލީމު ހާސިލުކުރަން އޮތް ހުރަހެއް ކަމަކަށް އެކުދިން ގަބޫލެއް ނުކުރެ އެވެ. އެކުދިން މޮޅަށް ކިޔަވައިގެން އެމްބީބީއެސް އަށް ވަނުމަށް ހަދަން ޖެހޭ އިމްތިހާނުން ވަނީ މޮޅަށް ފާސް ވެފަ އެވެ. މިހާރު އިންދަރުޖީތަކީ އެމްބީބީއެސް ކޯހުގެ ތިން ވަނަ އަހަރުގައި ކިޔަވާ ދަރިވަރެކެވެ. އިންދްރާޖާ ކިޔަވަނީ އެމްބީބީއެސް ކޯހުގެ ދެ ވަނަ އަހަރުގަ އެވެ. އަދި މިއަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހުން ފެށީގެން އިންދޫޖާ ވެސް ވަނީ އެމްބީބީއެސް ކޯހުގައި ކިޔަވަން ފަށާފަ އެވެ.

މި ކުދިންގެ ބައްޕަ ބުނި ގޮތުގައި އޭނާ އާއި އޭނާގެ އަންހެނުން ކަމަލާ އަށް ތައުލީމު ހާސިލު ކުރެވުނީ ގްރޭޑް 5 އާ ހަމައަށެވެ. އޭނާގެ ބައްޕައަކީ ވެސް މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު ފަގީރަކަށް ވާތީ އެއަށް ވުރެ މައްޗަށް ކިޔަވައިނުދެވުނީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކިޔެވި ސްކޫލް ހުންނަނީ ދިރިއުޅޭ ގެއާ އަށް ކިލޯ މީޓަރު ދުރުގައި. ސްކޫލަށް ދާން ޖެހެނީ ޖަންގަލި ވަލުތެރޭން ލާފައި. އެތަނުގައި ވަލު ޖަނަވާރުތައް ވަރަށް ގިނަވާނެ. އެ ހާލުގައި ގިނަ ފަހަރަށް ސްކޫލަށް ދާއިރު ޓީޗަރަކު ނުހުންނާނެ. އަހަރެމެންގެ ގެޔަށް ކަރަންޓާއި ފެން ލިބުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން،" ރާމްޗަންދުރަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެމީހުން ކިތަންމެ ފަގީރަސް ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން އެ ދެމަފިރިން އަޒުމު ކަނޑައެޅި އެވެ. އަދި އެންމެ ހަގު ދަރިފުޅު ވެސް އެމްބީބީއެސް އަށް ވަންނަން ހަދާ އިމްތިހާނުން ފާސްވެ މިހާރު ކޮލެޖުގައި ކިޔަވަން ފަށާފައިވާ ކަމަށް ބުންޏެވެ.

"މަގޭ ތިން ދަރިން ވެސް ކިޔެވީ ސަރުކާރުން ފަގީރުންނަށް ހިންގާ ސްކޫލްތަކުން. ނަމަވެސް އެ ކުދިންނަށް އެހާ ރަނގަޅަށް ކިޔެވުނީ ޓީޗަރުން ދިން ހިތްވަރުން،" ރާމަޗަންދުރަން ބުންޏެވެ.

ރާމަޗަންދުރަން ބުނި ގޮތުގައި ދޮށީ ދަރިފުޅު މަތީ ގްރޭޑްތަކަށް ދިއުމުން ކިޔަވައިދިނުމުގައި އަވަށުގެ ބޮޑުން ފައިސާގެ ގޮތުން އެހީވި އެވެ. ނަމަވެސް ހަގު ދެ ދަރިން ކިޔެވީ ދޮށީ ދަރިފުޅުގެ އެހީތެރިކަމާއެކު ކަމަށާއި އެންމެ ހަގު އަންހެން ދަރިފުޅު ކިޔެވުމުގައި ދޮށީ ދެ ބޭބެއިން ވަރަށް އެހީތެރިވި ކަމަށް ތިން ކުދިންގެ ބައްޕަ ބުންޏެވެ.

މި ތިން ބޭންގެ ވެސް އަޒުމަކީ ކިޔަވައިގެން ޑޮކްޓަރުންނަށް ވެގެން އެމީހުންގެ އަވަށަށް ހިދުމަތް ކޮށްދިނުމެވެ. އެ ކުދިން ބުނާ ގޮތުގައި އަވަށުގައި ޑޮކްޓަރުން މަދުވުމުން ވަރަށް ގިނަ ތުއްތު ކުދިން މަރުވާން މެދުވެރިވެ އެވެ. އެހެންވެ އެ ކުދިން ބޭނުންވަނީ ފަރުވާ ނުދެވި އެއްވެސް ކުއްޖަކު ދުނިޔޭން ވަކިވެގެން ނުދޭތޯ މަސައްކަތް ކުރުމަށެވެ.