ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެތަނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
ޅ. ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާ މަރުކަޒުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭ ގޮތަށް ހިންގުމަށް އިތުރު ތިން ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަސީލަތް ބޭނުންވާކަން ވެސް އެތަނުގެ ވެރިން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒާއި ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މީގެއިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވާލެއްވި އެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ. ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ހެދުމާއި، އާ ބަނދަރެއް ހެދުމާއި އަދި ބޮޑެތި ބޯޓްފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓާ ކީވޯލްއެއް ހެދުން ހިމެނެ އެވެ. އެ ގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އާ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ އާ ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އާ ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.
ރައީސް ސޯލިހް ރޭ ވަނީ ހިންނަވަރު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ އަދި ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރަށް އެމަނިކުފާނު ވަޑައިގެންފައިވާއިރު ފެލިވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.