ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަދިވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ހޮވުމުން: ރައީސް

ދިވެހި ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ގޮތް ވާނީ އެމަނިކުފާނު އިންތިހާބުކޮށްގެން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސްގެ އުފަން ރަށް ހިންނަވަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އުމުރުފުޅުން 10 އަހަރު ވަންދެން އުޅުއްވީ ހިންނަވަރުގައި ކަމަށެވެ. އޭގެފަހުން އަބަދުވެސް ރަށަށް ވަޑައިގަންނަވާތީ ހިންނަވަރާއި އަތޮޅު ތެރޭގެ އެހެން ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނިމިދިޔަ ސަރުކާރުތަކުން ވެފައި އޮތް ބޮޑު އިހްމާލު އެނގި ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އެހެންވެ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކުރުމަށް ފަށާފައި ހުރި މަސައްކަތްތައް ނިންމާ، ރަށްތަކަކީ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަ ތަންތަނަށް ހެދުމަށް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ހިންނަވަރުގެ ރައްޔިތުން އެ ތިބީ ގޮތް ނިންމައިގެން. ބަދަލެއް ނާންނާނެ. ތިޔަ ބޭފުޅުންނަށް ހިންނަވަރު ރައްޔިތުންނަށް އަދިވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ނައިފަރު ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑު ހޮވައިގެން،" މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅުވާނީ އެމަނިކުފާނު ހޮވައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

ހިންނަވަރުގައި ހޭދަކުރެއްވި ދުވަސްތަކުގައި އުޅުއްވި ދަތި އުދަނގޫ ދުވަސްތައް ރައީސް ވަނީ ހަނދާން އާކުރައްވާ މިއަދުގެ ޒުވާނުންނަށް ދިރިއުޅުން ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހިންނަވަރުގައި 5،000 އިން މަތީގެ އާބާދީއެއް އޮތް އިރުވެސް ރަށުގައި ދިރިއުޅެނީ 2،000 މީހުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ހިންނަވަރާއި ޅ. އަތޮޅަކީ ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް އިލްމާއީ ތަޖުރިބާއާއި ހުނަރު ހުރި ބޭފުޅުން ތިބި އަތޮޅެއް ކަމަށާއި އެ ހުރިހާ ބޭފުޅުން އަމިއްލަ ރަށް ދޫކޮށް ދާންޖެހުނީ ސަރުކާރުގެ އިހްމާލުން ރަށްތަކުގައި ވަސީލަތްތައް ގާއިމުކޮށްދެވިފައި ނެތުމުން ކަމުގައި ވިދާޅުވި އެވެ. އެހެންވެ އަމާޒަކީ މިހާރު މިގެންނަ ބަދަލާ އެކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ރަށުގައި އުފާވެރިކަމާއެކު އުޅެވޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވި އެެވެ.

"ކީއްވެގެންތޯ މި ރަށްރަށުގައި ދިރިނޫޅެވޭންވީ؟" ރައީސް ސުވާލުކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހިންނަވަރާއި، ބ. ތުޅާދޫ ފަދަ ރަށްތަކުގެ ރައްޔިތުން ބޯން ބޭނުންވާ ފެން ފޮދުވެސް ކުރީގައި ހޯދީ ބިމުގައި ވަޅުކޮނެ ބިމުން ފެން ނަގައިގެން ކަމަށެވެ. އެ ހާލަތަށް ރަށްތައް ދިޔައީ ރަށްތަކަށް ދިގު މުއްދަތަކަށް އަޅާނުލެވި އޮތުމުން ކަމުގައި ވިދާޅުވި އެެވެ. ނަމަވެސް އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބި އެ ވެރިކަން ނިމޭއިރު މިހާރު މިގެންނަ ބަދަލުތަކާ އެކު ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ ރަށަކީ އަނެއްކާވެސް ދިރިއުޅެން ރަނގަޅު އުފާވެރި ހަމަޖެހޭ އާއިލާއާ އެކު އުޅެވޭ ރަށަކަށް އަަޅުގަނޑުމެން ބަދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އޭގެފަހުގައި އެމަނިކުފާނު އެދިވަޑައިގަތީ ނިމިދިޔަ ސަރުކާރާއި މިސަރުކާރު އަޅާކިޔުމަށްފަހު އަދި ރަނގަޅަށް ވިސްނުމަށްފަހު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.