ގައުމީ ޔުނިވާސިޓީ

މެޑިސިން ސްކޫލްގައި ބުލީކުރި މައްސަލަ ބަލަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލަ ބަލަމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އެމްއެންޔޫއިން ބުނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލައެއް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައި ކަމަށެވެ.

ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާކަމެއް ކަމަށާއި އެކަން ޔުނިވަސިޓީގެ މައްސަލަ ބަލާ ކޮމެޓީ އަކުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެމްއެންޔޫއިން ބުނެ އެވެ. އަދި މައްސަލަ ނިމުނުހާ އަވަހަށް އެކަން ހިނގާފައިވާ ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކު ބުނި ގޮތުގައި އެ ކުއްޖާ އަދި އެހެން ދަރިވަރަކަށް ސްކޫލްގެ ތެރެއިން ބްލީ ކުރަމުންދާ ކަމަށެވެ. އަދި މިކަން ހިނގާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށެވެ.

ބްލީ ކުރަނީ ވެސް އެތަނުގައި ކިޔަވާ ދަރިވަރެއް ކަމަށާއި މި މައްސަލަ މެޑިސިން ސްކޫލްގެ ޑީންއަށް ހުށަހެޅުމުން ވެސް އަޅާނުލާ ކަމަށް އެ ދަރިވަރުން ބުނެފައިވެ އެވެ.