އައިޖީއެމްއެޗް

އިންޖެކްޝަނާއި ބޭހުގެ އުސޫލު ހަރުދަނާ ކުރަނީ

ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަނާއި ބޭސް ބޭނުން ކުރުމުގެ އުސޫލް ހަރުދަނާ ކުރުމުގެ މަސައްކަތް އައިޖީއެމްއެޗުން ފަށައިފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖް ވިދާޅުވީ ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަނާއި ބޭސް ބޭނުންކުރުމުގައި އަމަލުކުރާ އުސޫލް ހަރުދަނާ ކުރުމުގެ މަސައްކަތާއި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ސިރާޖް ވިދާޅުވީ އެފަދަ ބޭސްތަކާއި އިންޖެކްޝަނަށް މިހާރު އެކްސަސްވެވޭނީ ވެސް ވަކި ބަޔަކަށް ކަމަށެވެ. އަދި ވިދާޅުވީ އެތަކެތި ބޭނުންކުރާ ގޮތް މޮނިޓާ ކުރާ ކަމަށާއި ބޭނުންކުރާ އަދަދު އެނގޭ ގޮތަށް އެއް ޝިފްޓުން އަނެއް ޝިފްޓައް ސްލިޕް ހަވާލުކުރާ ކަމަށެވެ.

އައިޖީއެމްއެޗްގައި، ހަމައެކަނި ހޮސްޕިޓަލުގެ ބޭނުމަށް ދޫކުރާ އިންޖެކްޝަނާއި ބޭސް ބޭނުންކުރުމުގައި އަމަލުކުރާ އުސޫލް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި އެ ހޮސްޕިޓަލުގެ ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ޕީޖީން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ ދިރިއުޅުނު ކޮޓަރި ފާސްކުރިއިރު، ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށެވެ.