ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހާލި ހަދައިގެން ބުޅާތަކެއް ދިރިއުޅެން ފަށައިފި އެވެ.
މި ބުޅާތައް ހޮސްޕިޓަލު ތެރޭގައި ދިރިއުޅެމުންދާ މަންޒަރު އަވަސްގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެތަނުގައި ދިރިއުޅެމުންދަނީ ހަތަރު ކުދި ބުޅަލާއި އޭގެ މަންމަ ބުޅަލެވެ.
ބުޅާތައް ދިރިއުޅެމުންދަނީ އައިޖީއެމްއެޗްގެ ތެރޭގައި ހުންނަ ލުއި ބުއިން ކެފޭ ބިއްދޮށުގަ އެވެ.
ބުޅާތައް އެތަނުގައި ދުވެ، ޑޮރްޓަރަށް ދައްކަން ގޮސް ތިބި މީހުން ކައިރީގައި އޮށޯވެ ވަރަށް ގާތްކޮށް އުޅޭ ތަންވެސް ފެނިފައިވެ އެވެ.
ބޮޑަށް ބެލެވެނީ އެ ބުޅާތައް އެތަނުގައި ހާލި ހަދައިގެން އުޅެން ފަށައިފައި ވަނީ މަންމަ ބުޅާ ވިހެއުމާ ގުޅިގެން ކަމަށެވެ. މިއީ މީގެ ކުރިން އެތާ އުޅެމުން ދިޔަ ބުޅާތަކެއް ނޫނެވެ. ބުޅާ ތަކުގެ ސައިޒު ކުދި ކަމުން ހީވަނީ އެ ބުޅާތައް ވިހެއި ފަހުން އަދި މާގިނަ ދުވަސް ނުވާނެހެންނެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗާއި ސުވާލު ކުރުމުން އެތަނުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބުޅާތަކެއް ހޮސްޕިޓަލް ތެރޭގައި ދިރިއުޅޭކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެތަނުގައި ބުޅާތަކެއް އުޅޭނަމަ އެކަން ބަލާ އެކަން ރަނގަޅު ކުރާނެ ކަމަށެވެ.
ބުޅަލަކީ އިންސާނުންނާއި ވަރަށް ރަހުމަތްތެރި ޖަނަވާރެކެވެ. ނަމަވެސް ބުޅަލުން އެކި ބާވަތްތަކުގެ ބަލި ވެސް ފެތުރެ އެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ފަރުވާ ހޯދުމަށްދާ މައި ހޮސްޕިޓަލުގައި ޖަނަވާރުން ގެންގުޅުމަކީ ބައެއް މީހުން ކަންބޮޑުވާ ކަމެކެވެ.