ސިއްހަތު

އެއިޑްސް ޖެހިފައިވާ ދިވެހިންގެ އަދަދު 37 ގައި

ރާއްޖެއިން މިހާތަނަށް 37 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން ރާއްޖޭގައި އެއިޑްސް ޖެހިފައިވާ 37 ދިވެހިން އެބަތިއްބެވެ. އެއީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ. އޭގެތެރިން 22 މީހަކަށް މިހާރު ވެސް އޭއާރްވީ ފަރުވާ ދެމުންދާ ކަމަށާއި 15 މީހަކު މަރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ހެލްތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެޗްއައިވީއަށް ޕޮޒިޓިވް 450 ބިދޭސީއަކު ވަނީ ފާހަގަ ވެފަ އެވެ. އެމީހުނަށް ބަލިޖެހިފައިވާކަން އެނގިފައި ވަނީ ގަވައިދުން ހަދަން ޖެހޭ މެޑިކަލް ޗެކްއަޕްތަކުން ނެވެ.

ރާއްޖޭގައި އެއިޑްސް ފެތުރެމުންދާ ސަބަބުތަަކުގެ ތެރޭގައި ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުން އިތުރުވުން ހިމެނޭ ކަމަށް ޔޫއެންޑީޕީގެ ދިރާސާތަކުން ދައްކާ ކަމަށް އެ ޖަމާއަތުން ބުނެފައި އެވެ.

މިއަދަކީ ބައިނަލްއަގްވާމީ އެއިޑްސްބަލީގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މިއަހަރު ދުވަހުގެ ޝިއާރަކަށް ޑަބްލިއުއެޗްއޯއިންވަނީ "އެންޑް އިނީކުއެލިޓީސް، އެންޑް އެއިޑްސް" ނުވަތަ "ތަފާތުކުރުން ނައްތާލާ، އެއިޑްސް ނައްތާލާ." މި ޝިއާރް ކަނޑައަޅާފަ އެވެ.