އަހުމަދު ނަސީމް

ރާއްޖޭގައި އެއިޑްސް ފެތުރުމުގެ ފުރުސަތު ބޮޑު: ހެލްތް މިނިސްޓަރު

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މީހުން މަދު ނަމަވެސް އެބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ އެޗްއައިވީ އާއި އެއްގޮތް އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދާ ކަމަށެވެ.

"ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން، ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގްވާމީ އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ.

މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އެއިޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމުގައި ހެލްތް މިނިސްޓްރީން ބުނެ އެވެ.

މިދުވަހާ ގުޅިގެން ޖިންސީ ގުޅުމުން އަރާ ބަލިތައް ކަމަށްވާ އެޗްއައިވީ، ހެޕަޓައިޓިސް އަދި އެސްޓީއައިގެ ނެޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުންވެސް އޮތެވެ. މި ޕްލޭނަކީ ރާއްޖޭގައި އެޗްއައިވީ، ހެޕަޓައަޓިސް އަދި ޖިންސީ ގުޅުމުން އަރާ ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލެވިފައިވާ ފަސް އަހަރުގެ ޕްލޭނެކެވެ.

މިއަހަރުގެ އެއިޑްސް ދުވަހާ ގުޅިގެން މިމަހުގެ 5 އިން 12 އަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހެލްތް މިނިސްޓްރީން ވަނީ ހަމަ ޖައްސާފަ އެވެ.