މިނިސްޓްރީ އޮފް ހެލްތު

ވެކްސިން ދިން ގޮތުގެ މައުލޫމާތު ބެލޭނެ ރަޖިސްޓްރީއެއް އިފްތިތާހުކޮށްފި

ވެކްސިންގެ މައުލޫމާތު ރައްކާކުރުމަށްޓަކައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއެއް ލޯންޗްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ރަޖިސްޓްރީ ލޯންޗްކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު ރަޖިސްޓްރީ އަކީ ރާއްޖެއަށް ބޭނުންތެރި ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

"ކޮންމެ ކަމަކަށް ވެސް ފުރަތަމަ ދުވަހެއް އަންނާނެ. އަޅުގަނޑު ދެކޭގޮތުގައި މިކަމަކީ ވަރަށްވެސް މުހިންމު ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

މި ރަޖިސްޓްރީ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއި އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާކޮށް، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެކެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާ ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރަޖސިްޓްރީ އެކެވެ.

މިރަޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ބެލެހެއްޓި އެކި ސެންޓަރުތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު އެއް ރެކޯޑަކުން ފެނިގެންދާނެ އެވެ. މިގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރަޖިސްޓްރީގެ ސަބަބުން ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިންތައް ބަލައި ދެނެގަތުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ވެސް މިއަދުން ފެށިގެން ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ކުދިން ގަވާއިދުން ވެކްސިން ފުރިހަމަ ކުރޭތޯ ޔަގީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރަޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެ ކަމުގައިވެސް ހެލްތް މިނިސްޓްރީން ބުންޏެވެ.

ގައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑި އަކީ ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ، ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިން ޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.