ހެލްތު މިނިސްޓްރީއަށް ހުށަހެޅޭ މެޑިކަލް މައްސަލަތައް މިނިވަން ފަންނީ މާހިރެއްގެ ހައިސިއްޔަތުން ރިވިއުކޮށް ރިޕޯޓް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މައްސަލަތައް ރިވިއުކުރާ ފަރާތްތަކުގެ މައުލޫމާތަކީ ސިއްރުކުރެވޭނޭ މަޢުލޫމާތެކެވެ.
މި މަސައްކަތްކުރާ ފަރާތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން 5،000 ރުފިޔާ އާއި 20،000 ރުފިޔާގެ އަދަދެއްގެ އިނާޔަތެއް ދެވޭނެ އެވެ.
ހުރިހާ ދާއިރާތަކުގެ މެޑިކަލް ސްޕެޝަލިސްޓުން ހޯދުމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
އުޖޫރަ އާއި އެލަވެންސް އަދި މަސައްކަތުގެ މުއްދަތު
- ރިވިއު ކުރެވޭ ކޮންމެ ކޭސްއަކަށް އުޖޫރައެއް ރިވިއު ކުރާ ފަރާތަށް ދެވޭނެ
- ޕްރިލިމިނަރީ ރިވިއު އެއްނަމަ 72 ގަޑިއިރު ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން
- އެކްސްޕެޑައިޓް ރިވިއު އެއްނަމަ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން
- ރޫޓީން ރިވިއު އެއްނަމަ 4 ހަފްތާގެ ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހުށަހެޅޭ މައްސަލައަކާއި ގުޅޭ ގޮތުން މިނިސްޓްރީން ހަވާލުކުރާ ލިޔެކިޔުންތައް ބެލުމަށްފަހު ފަންނީ މާހިރެއްގެ ހައިސިއްޔަތުން ލަފާ ދޭންޖެހޭނެ އެވެ. ހުށަހެޅޭ މައްސަލައަކާއި ގުޅިގެން އިތުރަށް މައުލޫމާތެއް ހޯދަންޖެހޭނަމަ އެމައުލޫމާތެއް ހޯދުމަށްޓަކައި މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަންޖެހޭނެ އެވެ.
އޭގެ އިތުރުން މައްސަލައާއި ގުޅިގެން ހޯދުނު އެންމެހާ ލިޔެކިޔުންތަކާއި މައުލޫމާތުތަކަށް ރިއާޔަތްކުރުމަށް ފަހު ތަފުސީލީ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންޖެހޭއިރު ރިވިއު ކުރަން ހަވާލުކުރާ މައްސަލައާއި ގުޅިގެން ދަތުރުކުރަންޖެހޭ ހާލަތެއްގައި ދަތުރުކުރުން ހިމެނެ އެވެ.
މި ކަމަށް އެދި ހުށަހެޅޭނީ ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ މީހަކަށެވެ. އޭގެ އިތުރުން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެ ލައިސެންސް އޮތް މީހަކަށްވާން ޖެހެ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މަސައްކަތަށް މީހަކު ހޮވުމުގައި ދާއިރާއިން ހާއްސަވުމަށްފަހު މަސައްކަތުގެ ދާއިރާގައި ތިން އަހަރާއި ނުވަތަ ފަސް އަހަރާއި ދެމެދުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް އިސްކަންދެވޭނެ އެވެ.
މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.