މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބޯޑިން ހައުސް ކުއްޔަށް ދިނުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

ބޯޑިން ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކާ ބެހޭ ގަވައިދެއް އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ މިގަވައިދު ގެޒެޓްކޮށް ހުކުރު ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ.

މިއީ ބޯޑިން ހައުސްގެ ގޮތުގައި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ބަޔާންކުރުމުގެ މަގުސަދުގައި އެކުލަވާލި ގަވައިދެކެވެ.

ގަވައިދަށް އަމަލުކުރަން ފަށާފައިވާތީ ބޯޑިން ހައުސްގެ ގޮތުގައި ތަންތަން ދެން ހިންގޭނީ ވަކި އުސޫލުތަކަކާ އެއްގޮތަށް އަދި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެންނެވެ.

އަލަށް އަމަލުކުރަން ފެށި ގަވައިދުގައި ބޯޑިން ހައުސްއެއްގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ވެސް ކަނޑަައާޅާފައިވެ އެވެ.

މިންގަނޑުތައް

  • ވަކި ކޮޓަރިއެއް ނަމަ، އެ ތަނުގައި ފާޚާނާކޮށް، ފެންވަރައި، ނިދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭނެ.
  • ގެއެއް ނުވަތަ އެޕާޓްމެންޓެއް އެއްކޮށް ނަމަ، އެ ތަނުގައި ހުންނަ ކޮންމެ ދެ ކޮޓަރިއަކަށް، މަދުވެގެން އެއް ފާހާނާ ހުންނަން ޖެހޭނެ.
  • ކޮޓަރީގައި ނިދުމަށްޓަކައި، ކޮންމެ މީހަކަށް ވަކީން އެނދެއް ހުންނަން ޖެހޭނެ.
  • ކޮޓަރީގައި ކޮންމެ މީހަކު ބޭނުންކުރުމަށްޓަކައި ތަޅުލެވޭ ކަބަޑެއް ހުންނަން ޖެހޭނެ.

ގަވައިދުގައިވާ ގޮތުން ބޯޑިން ހައުސްގައި ދެ ޖިންސުގެ މީހުން ބޭތިއްބޭނީ އަންހެން ފިރިހެން ވަކިކޮށް، ވަކި ކޮޓަރިތަކުގަ އެވެ. އަދި ކުޑަކުދީން ބޭތިއްބޭނީ ބެލެނިވެރިޔާއާ އެކު ހަދައި ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ. މީހުން ބެހެއްޓޭނީ ކޮންމެ 25 އަކަފޫޓަކަށް މީހެއްގެ ނިސްބަތުން ކަަމަށްވެސް ބުނެފައިވެ އެވެ.

ބޯޑިން ހައުސް ރަޖިސްޓްރީކޮށް ދޭނީ ގަވައިދުގައި ބުނާ ކަންކަން ބެލުމަށްފަހު ކަމަށާއި އަދި އެ ހުއްދައިގައި ކޮޓަރިއެއްގައި މީހުން ބޭތިއްބޭނެ އަދަދާއި ބޯޑިން ހައުސް ހިންގުމުގެ ހުއްދަ ދެވޭ މުއްދަތުވެސް ހިމެނޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ރަޖިސްޓަރީ ނުކޮށް ބޯޑިން ހައުސް ހިންގާކަމުގެ ޝަކުވާއެއް ނުވަތަ މައުލޫމާތެއް ކައުންސިލަށް ލިބިއްޖެނަމަ، އެފަދަ ތަންތަން ބަލައި ފާސްކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށް އެންގުމާއި އެތަން ހުއްޓާލަން އެންގުމާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.

މީގެ އިތުރުން ގަވައިދުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ބާރު ގަވައިދުގައި ދީފައިވ އެވެ. އެގޮތުން ފުރަތަމަ ފަހަރު 1،000 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 3،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.