ހަބަރު

އިންވެސްޓްމަންޓްގެ ދާއިރާއިން އޮމާންއާ ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އިގުތިސޯދީ ދާއިރާ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖެއާއި އޮމާންއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ އޮމާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ޝައިހު ހަމަދް ބިން ސައިފް ބިން އަބްދުލްއަޒީޒް އަލް ރަވާހީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު އެވެ.

ފަތްކޮޅު އެރުއްވުމަށްފަހު، ސަފީރާއެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އޮމާންއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އިގުތިޞާދީ ދާއިރާއިންނާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން އޮމާންގެ ސަފީރާއެކު ހިޔާލު ބަދަލު ކޮށްލެއްވިއެވެ. އަދި، ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖެއާއި އޮމާންއިން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

އޮމާންގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި އޮމާންއާ ދެމެދުގައިވާ ގާތް އަހުވަންތަ ގުޅުމަށް 35 އަހަރުވެފާވާކަން ފާހަގަކުރައްވަމުން، އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި އޮމާންއާ ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.