ދުނިޔެ

ބޯޓެއް ވެއްޓި އިންޑިއާ ބޯޑަރު ބަލަހައްޓާ ސިފައިންތަކެއް މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ އެއާޕޯޓަކުން ނައްޓާލި ބޯޓެއް ވެއްޓި، 10 މީހުން މަރުވެއްޖެއެވެ. ބޯޓުން ދަތުރުކޮށްފައިވަނީ އިންޑިއާގެ ބޯޑަރު ބަލަހައްޓާ 10 ސިފައިންނެވެ.

ބީޗް ކްރާފްޓް ކިންގްއެއާގެ މި ކުޑަ ފްލައިޓް ވެއްޓިފައިވަނީ ފާރެއްގައި ޖެހި، އަލިފާން ރޯވެގެން ކަމަށް މަންޒަރު ދުށް ފަރާތަކުން މީޑިއާގައި ވަނީ ބުނެފައެވެ. މަންޒަރު ދުށް މީހުން ވަނީ ބޯޓު ވެއްޓުނު ސަރަހައްދުގައި މަސައްކަތްކުރަން މީހުން އުޅުނު ކަމަށް ވެސް ބުނެއެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ޖޫނިއާ ސިވިލް އޭވިއޭޝަން މިނިސްޓަރު މަހެޝް ޝަރުމާ ވަނީ ބޯޓުން ދަތުރުކުރި 10 މީހުން ވެސް މަރުވެފައިވާކަން ޔަގީންކޮށްދެއްވާފައެވެ.

"މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 9:50ގައި ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެއާ ޓްރެފިކް ކޮންޓްރޯލް އާއި ގުޅުން ކެނޑިގެން،" ދިއްލީގެ ޗީފް އޮފް ފަޔާ ސާވިސް އޭކޭ ޝަރުމާ ވިދާޅުވިއެވެ.

ބޯޓެއް ވެއްޓި އިންޑިއާގައި އެންމެ ފަހުން ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ 2010 ވަނަ އަހަރުއެވެ. އެ އަހަރުގެ މޭ މަހު އިންޑިއާގެ މެންގަލޫރު ސިޓީގައި ހިނގި މި ހާދިސާގައި 160 މީހުން މަރުވެފައިވެއެވެ.