މަންތާ އެއާ

މަންތާ އެއާގެ ދަތުރުތައް އައްޑޫ އަށް ފަށައިފި

Feb 24, 2022

މަންތާ އެއާ އިން އައްޑޫ އާއި ހުވަދޫ ގުޅައިލަން އައްޑޫ ސިޓީއަށް ދަތުރުތައް ފަށައިފި އެވެ.

މަންތާ އެއާ އިން ނިންމާފައިވަނީ ކޮމްފަޓް ކުލާހުން އެއްކޮޅަށް 1250 ރުފިޔާ އަށް ޓިކެޓް ވިއްކާށެވެ. ސެފަޔާ ކުލާހުގެ ޓިކެޓެއް 1850 ރުފިޔާ އަށް ވިއްކުމަށެވެ. އެ އެއާލައިންގެ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަންނަން ލިބޭނެ އިންތިޒާމު މަންތާ އެއާ އިން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މަންތާ އެއާގެ ދަތުރުތައް ފެށީ އައްޑޫގެ ކަމާގުޅޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އެއާލައިންގެ އައްޑޫ ދަތުރުތަކަށް ޑިމާންޑް އޮންނާނެ ކަމަށް ބަލައިގެންނެވެ.

އައްޑޫ އަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަަނަވަސް ބޯޓު ތަކެކެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެވަނަ ބޯޓެއް ރާއްޖެ ގެނެސް މަންތާ އެއާގެ ދަތުރުތައް ފެށީ ފެބްރުއަރީ 24، 2019 ގައެވެ.

ރާއްޖޭގައި އެންމެ ފަހުން ޑޮމެސްޓިކް ދަތުރުތައް ފެށި މަންޓާ އެއާލައިނުން މިހާރު ހުޅުލެއިން ދަތުރުކުރަނީ ދަރަވަންދޫ އާއި ކުޑަހުވަދޫ އެއާޕޯޓަށެވެ.