ސްރީލަންކަން އެއާލައިންސްއާއި މަންތާ އެއާ ގުޅިގެން ސްރީ ލަންކާގެ ކޮލަންބޯ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފެށުމަށް މިއަދު ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ދަތުރުތައް ފެށުމަށް އަދި ހަމަޖެހިފައި ވަނީ ކޫއްޑޫ އާއި އައްޑޫ ސިޓީގެ ގަމާ ދެމެދުގައި ކަމަށެވެ. ހަލީލް ވިދާޅުވީ މިހާރު ރޭވިފައިވާގޮތުގެ މަތިން ކޮންމެ ހޮނިހިރު ދުވަހަކު މާލެއިން ގަމަށް އަންނަ ފްލައިޓް ގއ. ކޫއްޑޫ އެއާޕޯޓްގައި ޖައްސާނެ ކަމަށެވެ.
"ސްރީލަންކަން އިން އައްޑުއަށް ކުރާ ދަތުރުތައް އިތުރުވާ ވަރަކަށް ކޫއްޑޫއަށް ކުރާ ދަތުރުތައް ވެސް އިތުރުވެގެންދާނެ. މިއާއިއެކު ކޮލަންބޯއާއި މުޅި ދެކުނު ސީދާ ގުޅިގެން ދާނެ." ހަލީލް ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި ހިންގަމުންދާ އެހެން އެއާޕޯޓްތަކާއި ގަމާ ގުޅާލުމުގެ މަސައްކަތް ވެސް ފެށުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށާއި ދ. ކުޑަހުވަދޫ އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަލީލް ވިދާޅުވީ ފ. އަތޮޅަށް ވެސް ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކަން އެއާލައިންސްގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހާ ވިދާޅުވީ އެ އެއާލައިނުން އައްޑޫއަށް ދަތުރުކުރަން ފެށީއްސުރެ ދެކުނު ކޮލަންބޯއަށް ސީދާ ގުޅާލުމަށް ފުރުސަތެއް ލިބޭދޯ އުންމީދުކުރެއްވި ކަމަށާއި މިއަދު އެކަން ކާމިޔާބުވެފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން އައްްޑޫއަށް ކޮށްމެ ދަވަހަކު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަންތާ އެއާގެ އައްޑޫ ދަތުރުތައް ފަށަނީ މާދަމާ އެވެ. އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންތާ އެއާ އިން ނިންމާފައިވަނީ ކޮމްފަޓް ކުލާހުން އެއްކޮޅަށް 1250 ރުފިޔާ އަށް ޓިކެޓް ވިއްކާށެވެ. ސެފަޔާ ކުލާހުގެ ޓިކެޓެއް 1850 ރުފިޔާ އަށް ވިއްކުމަށެވެ.
އެ އެއާލައިންގެ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަންނަން ލިބޭނެ އިންތިޒާމު މަންތާ އެއާ އިން މިހާރު ވަނީ ހަމަޖައްސާފަ އެވެ.