އައްޑޫ ސިޓީ އަށް ދަތުރުތައް ފެށުމަށް މަންޓާ އެއާ އިން ތައްޔާރުވާން ފަށައިފި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނުމާ އެކު މިމަހުގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމަށް އެ އެއާލައިނުން އުއްމީދުކުރެ އެވެ.
ހުޅުލެއާއި އައްޑޫއާ ދެމެދު ފަށާ ދަތުރުތަކުގެ ޓިކެޓްގެ އަގުތައް އިއުލާން ކުރަން ނިންމާފައިވަނީ ވެސް ދަތުރުތައް ފަށަން ހުއްދަ ލިބުމުންނެވެ.
މަންޓާ އެއާގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދަނީ އައްޑޫގެ ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އެއާލައިންގެ އައްޑޫ ދަތުރުތަކަށް ޑިމާންޑް އޮންނާނެ ކަމަށް ބަލައިގެންނެވެ.
އައްޑޫ އަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަަނަވަސް ބޯޓު ތަކެކެވެ.
ރާއްޖޭގައި އެންމެ ފަހުން ޑޮމެސްޓިކް ދަތުރުތައް ފެށި މަންޓާ އެއާލައިނުން މިހާރު ހުޅުލެއިން ދަތުރުކުރަނީ ދަރަވަންދޫ އާއި ކުޑަހުވަދޫ އެއާޕޯޓަށެވެ.
މަންޓާ އެއާ އަކީ ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ރިއޯލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ ޖޭވީ އެކެވެ. ރިއޯލޯ އަކީ ޔުނިވާސަލްގެ އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކު ހިއްސާވާ ކުންފުންޏެކެވެ.