ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށްޓަކައި ގެނައި ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ.
މި ބޯޓު މިއަދު ހެނދުނު ރާއްޖެ އައީ އިންޑިއާގެ ބެންގަލޫރުން ސީދާ ދ. ކުޑަހުވަދޫގައި ހަދާފައިވާ ދާލު އެއާޕޯޓަށެވެ.
މަންޓާ އެއާ އިން ހިންގާ ބަލަހައްޓާ ދާލު އެއާޕޯޓަކީ މަންޓާގެ ބައިނަލްއަގްވާމީ ދަތުރުތައް ފެށުމަށް ބޭނުންކުރާނެ މައި އެއާޕޯޓެވެ.
މަންޓާ އެއާ އިން ނިންމާފައިވަނީ އަންނަ މާޗް މަހު ފަށާ ދަތުރުތައް ކޮންމެ ހަފްތާ އަކު އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު ކުޑަހުވަދޫ އިން ބެންގަލޫރަށް އަދި ބެންގަލޫރުން ކުޑަހުވަދޫ އަށް ސީދާ ދަތުރުތައް ފެށުމަށެވެ.
މިދަތުރުތައް ފެށުމުން ދ. އަތޮޅު ކައިރީގައި ހިންގާ ރިސޯޓްތަކާއި އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް މާލެ ނައިސް ސީދާ ދާލު އެއާޕޯޓުން އިންޑިއާއަށް ދަތުރުކުރެވޭނެ އެވެ.
މަންޓާ އެއާ އިން ގެންދަނީ އިންޑިއާ އަށް ދަތުރުތައް ފެށުމަށްފަހު އަވަށްޓެރި ސްރީލަންކާއަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
މަންޓާ އެއާ އިން މިވަގުތު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫއަށާއި ބ. ދަރަވަންދޫއަށެވެ. މަންޓާ އެއާގެ ސީޕްލޭން ތަކުން ޝެޑިއުލް ދަތުރުތައް ރިސޯޓުތަކަށް ވެސް ކޮށްދެ އެވެ.