މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ޔުކްރޭން، ރަޝިއާގެ ބާރުގެ ދަށަށް ގެންދަން ފެށި "ބޮޑު ހަނގުރާމަ" މިވަނީ މުޅި ދުނިޔެ ހާސްކަމަކަށް ވައްޓާލި ހަނގުރާމަ އަކަށެވެ. ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވެސް ނުތަނަވަސްކަން ވެރިވެފައިވާ ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރަށް ލޮޅުން އަރައި ތެލުގެ އަގު މިވަނީ މައްޗަށް އަރައިގެން ގޮސްފަ އެވެ. މިހާރު ދެން އޮތް ބިރަކީ ތަކެތީގެ އަގު މަތިވުމެވެ. ހަނގުރާމައިގައި ބައިވެރިވާ ދެ ގައުމަކީ ވެސް ރާއްޖޭގެ އެންމެ މުހިއްމު ޓޫރިޒަމް ދެ މާކެޓެވެ. އެހެންވެ ރާއްޖޭގެ އިގްތިސޯދު މިވަނީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ނުރަނގަޅު އެތައް އަސަރެއް އެބަހުއްޓެވެ. ގެއްލުންތައް ދިވެހިންނަށް ފެންނަން ފަށާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ގެއްލުންތައް ކުޑަކުރަން ފިޔަވަޅު އެޅިދާނެ ހެއްޔެވެ؟ މިކަމުން އެންމެ ބޮޑެތި ގެއްލުން ލިބޭނީ ކޮން ބަޔަކަސް ހެއްޔެވެ؟
"އެންމެ ބޮޑު މައްސަލަ އަކީ ޗައިނާ ވެސް ބަންދުވެފައި އޮއްވައި ޔޫކްރޭން އާއި ރަޝިއާ މާކެޓަށް ވެސް އަސަރު ކުރުން. އެހެންވެ މީގެ ގެއްލުން ވަރަށް ބޮޑު ވާނެ،" ރަޝިއާ / ޔޫކްރޭން ހަނގުރާމައިން ޓޫރިޒަމަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސް އަށް ވިދާޅުވި އެވެ.
ޓޫރިޒަމްގައި ރަޝިއާ އަކީ ރާއްޖޭގެ އެންމެ މުހިއްމު އެއް މާކެޓެވެ. ހާއްސަކޮށް މުއްސަނދި މަހުޖަނުން އަންނަ ރިސޯޓު ތަކަށް މި ގައުމަކީ މާވަހަރެކެވެ. ނަމަވެސް ރަޝިއާ އިން ޔޫކްރޭން އަށް އަރައިގަތުމާއެކު ދުނިޔެ އިން ރަޝިއާ އަށް ކުރިމަތިކުރާ ފިއްތުންތަކާއެކު އެ މީހުންގެ ދަތުރު ތަކަށް ބުރޫ އެރުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް ރަޝިއާ އަށް އިގްތިސޯދީ ގޮތުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެ ގައުމުގެ މާކެޓު ބޮޑުތަނުން ހީނަރުވެގެން ދާނެ ކަމަށް ބެލެވެ އެވެ.
ޑޮލަރުން މުއާމަލާތް ކުރާ ދުނިޔޭގެ ވިއުގަ ސްވިފްޓުގެ ޓްރާންސެކްޝަންތައް ހެދުމުގައި ރަޝިއާ އަށް އަޅަން ފަށާފައިވާ ހުރަސްތަކުގެ އަސަރު އެކި ގައުމުތަކަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުންނަށް ކުރުމަކީ ޓޫރިޒަމަށް ލިބޭނެ ގެއްލުމެކެވެ. އަދި ރަޝިއާގެ ގައުމީ އެއާލައިން "ޔޫރޯ ފްލޯޓް" ޔޫރަޕުގެ ގައުމުތަކަށް ދަތުރު ކުރުން މިހާރު ހުއްޓާލާފައިވުމަކީ ޔޫރަޕާއި ރާއްޖެއާ ޔޫރަޕް ގުޅުވައިދޭ ދަތުރުފަތުރުގެ ވިއުގަ "ބުރި ވެގެން" ދާނެ ކަމެކެވެ. މީގެ ގެއްލުން މިހާރު ވެސް ވަނީ ކުރަން ފަށާފަ އެވެ. މިއީ މުޅި ޓޫރިޒަމްގެ ނަމްބަރު ދަށް ވެގެން ދާނެ ކަމެކެވެ. ޓޫރިޒަމްގެ ހަގީގީ ކްރައިސިސް އަކަށް ވެއްޓޭނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އެންމެ މާކެޓަކުން ބިލިއަނުގެ ބިރެއް
ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގެ ވެރިޔަކު ވިދާޅުވި ގޮތުގައި އެ ރިސޯޓަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 40،000 ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ދަނީ ލިބެމުންނެވެ.
"ރަޝިއާ މާކެޓަކީ މުއްސަނދިން ވަރަށް ގިނައިން އަންނަ އެއް މާކެޓް. އެކަމަކު މިހާރު ވެސް ގެއްލުން ވާން ފަށައިފި. ދުވާލަކު 40،000 ޑޮލަރަކީ ވަރަށް ބޮޑު އަދަދެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
މިއީ އެންމެ ރިސޯޓެއްގެ ވާހަކަ އެވެ. އެންމެ ރިސޯޓަށް މިހާލަތުގައި އެކަނި ބަލާނަމަ އެއް މިލިއަން ޑޮލަރު ނުވަތަ އެންމެ ކުޑަކޮށް ބެލިނަމަވެސް 15 މިލިއަން ރުފިޔާގެ ގެއްލުން މަހަކު ވާނެ އެވެ. މި އަދަދު މުޅި ޓޫރިޒަމަށް ހިސާބުކޮށްލާނަމަ މަހެއްގެ މައްޗަށް ލިބޭ ގެއްލުން ބިލިއަން ރުފިޔާ އިން މަތިވާނެ އެވެ.
މިއީ ހަމައެކަނި ރަޝިއާ މާކެޓަށް އަންނަ އަސަރުތަކުން ލިބޭނެ ކުޑަ ގެއްލުމެވެ. އަނެއްކޮޅުން ހަނގުރާމައިގެ ސަބަބުން ޔުކްރޭން ވީރާނާވުމާ ދިމާލަށް ދާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ އުއްމީދީ މާކެޓްގެ ގޮތުގައި އޮތް ޔުކްރޭންގެ މާކެޓު ބޮޑުތަނުން ހީނަރު ވެގެންދާނެ އެވެ. ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ޖަހައިދިން އެންމެ މުހިއްމު މާކެޓު ހީނަރުވުމަކީ މުޅި ޓޫރިޒަމަށް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނެ ކަމެކެވެ.
ދުނިޔޭގެ ސަޕްލައި ޗެއިންނަށް ގުޑުން
ޓޫރިޒަމްގެ ގެއްލުން ބާއްވާފަ އިގްތިސޯދަށް މިހާރުގެ ހާލަތުން ލިބޭނެ ގެއްލުމުގެ އަނެއް ފަޅިއަށް ބަލައިލާނަމެވެ. މި ހަނގުރާމަ ޔޫރަޕްގެ އެއް ބިތުގައި މިވަގުތު އޮތް ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް މި ހުޅުގަނޑު ފަޅައިގެން ދިއުމުގެ ފުރުސަތު ކުޑަ ނޫން ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ.
ހަނގުރާމަ ހިނގާ ސަރަހައްދަކީ ދުނިޔެ އަށް މުދާ އުފުލާ މުހިއްމު މަގެއްގެ ގޮތުގައި ބަލައި ކަޅު ކަނޑު ވެސް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދަކީ ނުރައްކާތެރި ޒޯނެއްގެ ގޮތުގައި ކަޑައަޅާފައިވުމަކީ މުދާ އުފުލުމުގެ އަގު މަތިވެގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން މުދާ އުފުލަން ނަގާ އިންޝުއަރެންސް ޕްރިމިއަމް މަތިވެގެންދާނެ ކަމަށް ޖަޕާން އިންޝުއަރެންސް ކުންފުނިން ވަނީ އިންޒާރު ދީފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވެ ސަޕްލައިޗޭން ހަމައަކަށް އެޅެން ދަނިކޮށް ކުރިމަތިވެގެން މިދިޔަ "ކާރިސާ"ގެ ސަބަބުން އަނެއްކާ ވެސް މައްސަލަ ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމަކީ ވެސް ރާއްޖެގެ އިގްތިސޯދަށް އަސަރު ކުރާނެ ކަމެކެވެ. ސަބަބަކީ ރާއްޖެ އަށް އަންނަ މުދަލުގެ ތެރެއިން ވެސް ބޮޑު ބައެއް ޔޫރަޕުން ގެނައުމެވެ. އެހެންވެ މުދާ އުފުލުމުގެ އަގަށް އަންނަ ކޮންމެ ބަދަލަކީ އިންފްލޭޝަނުން ދައްކާނެ ކަމެކެވެ.
އަގު މަތިވެ ޖީބަށް ބުރަ ވެދާނެ
ދުނިޔޭގެ ބާޒާރުގައި މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއް ހުރީ 100 ޑޮލަރުން މަތީގަ އެވެ. މި އަގަކީ 2014ގެ ފަހުން މިވަރަށް ތެލުގެ އަގު އުފުލުނު ފުރަތަމަ ފަހަރެވެ. އަގަށް މިއައި ބަދަލާއެކު ރާއްޖޭގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 12.89 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 13.04 ރުފިޔާ އެވެ. މި ބަދަލަކީ މި އަހަރު ފެށުނުއިރު ތެލުގެ އަގު ހުރިވަރާ އަޅާކިޔާނަމަ ގާތްގަނޑަކަށް 15 ޕަސެންޓުގެ މަތިވުމެކެވެ. ތެލަށް އަންނަ ކޮންމެ ބަދަލަކީ އިންފްލޭޝަނަށް އަސަރުކުރާނެ ކަމެކެވެ. އެހެންވެ މި އަހަރަށް ލަކޮފާށް ސަރުކާރުން ބުނި އިންފްލޭޝް އެއް ޕަސެންޓުގައި ހުންނާނެ ކަމަށް ބުނި ބުނުން ބަދަލު ވެގެންދާނެ ކަމަށް ބެލެވެ އެވެ.
އަންދާޒާ ކުރި އާމްދަނީ ނުލިބުމުގެ ބިރު
ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރާނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ އިންނެވެ. ނަމަވެސް ޓޫރިޒަމް ދަށްވާނަމަ ޓެކުހުގެ އާމްދަނީ ލިބުން މަދު ވާނެ އެވެ. މި އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރި އެވެ. މި ނޫން ވެސް ގިނަ ގޮތްގޮތުން އާމްދަނީ ހޯދަން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސޯދު ލަފާކުރާ ގޮތުން ސަރުކާރުން ބޭނުންވާ ވަރަށް އިންވެސްޓަރުން ލިބޭނެތޯ ސުވާލު އުފެދެ އެވެ. އެގޮތުން ރިސޯޓު ތަރައްގީ ކުރުމާއި ޕްރައިވެޓައިޒް ކުރުން ފަދަ ކަންކަމަކީ އިންވެސްޓްމަންޓްތަކާ ގުޅުންހުރި ކަންކަމެވެ. އެހެންވެ މި ދާއިރާ ތަކުން އިންވެސްޓަރުން ނުލިބިއްޖެނަމަ އާމްދަނީ މަދުވެ ގެއްލުންވުމުގެ ފުރުސަތު އޮންނާނެ އެވެ.
އާމްދަނީ ނުލިބުނު ނަމަވެސް ސަރުކާރުން ކުރާ ހަރަދުތަކުން އެންމެ ރުފިޔާއެއް ވެސް ރައްކާކުރާނެ ކަމުގެ ނިޝާނެއް އަދި ނުފެނެ އެވެ. ހަރަދު ކުރުން ވިއްޔާ ވާނީ އިތުރެވެ. އެހެންވެ މިހާރު އަންދާޒާކޮށްފައިވާ 9.8 ބިލިއަން ރުފިޔާގެ އޯވަރޯލް ބެލެންސް ޑެފިސިޓް މަތިވުމުގެ ފުރުސަތު އޮންނާނެ އެވެ. މިކަން މިހެންވާނަމަ ލޯނު ނަގަން ސަރުކާރު މިސްރާބު ޖެހުމަކީ ބިރުވެރިކަން ވަކިން ކުޑަ ކަމެއް ނޫނެވެ. ސަބަބަކީ ދަރަނި 100 ބިލިއަން ފަހަނަ އަޅާފައިވުމެވެ.
އެހެންވެ މިހާރުގެ އަންދާޒާ އަކީ މި އަހަރުގެ މިހާރުގެ ލަފާ ކުރުން ތަކާ އެކު އިގްތިސޯދީ ދުވެލި ދަށް ވެގެން ދިއުމެވެ. މައްޗަށް އެރި އިގްތިސޯދު ވަޅުގަނޑަށް ތިރިވެދާނެކަމުގެ ބިރު ހީވަނީ މި ކަންކަމުގެ ސަބަބުންނެވެ.