ހަބަރު

އާ ނޫޓްތައް ބޭނުން ކުރަން ފަށާނީ އަންނަ މަހު 26ގައި: އެމްއެމްއޭ

Dec 22, 2015
2

މިދިޔަ ނޮވެމްބަރު މަހު ތައާރަފް ކުރި ދިވެހި ރުފިޔާގެ އާ ނޫޓް، ރަން ދިހަ ފަހެއް ބޭނުން ކުރަން ފަށާ ތާރީހު އަންނަ މަހުގެ 26 ވަނަ ދުވަހަށް ލަސްކޮށްފައިވާ ކަމަށް، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

އެ ނޫޓްތައް ބޭނުން ކުރަން ފަށާ ގޮތަށް މީގެ ކުރިން ރާވާފައި އޮތީ މި މަހު އެވެ.

އެހެން ނަމަވެސް އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރަންދިހަ ފަހެއްނޫޓްތައް ބޭނުން ކުރުމަށް ބޭންކްތަކުން ވާން ޖެހޭ ބައެއް ތައްޔާރީތައް އަދި ނުނިމޭ ކަމަށެވެ. އެގޮތުން އޭޓީއެމްތަކާއި ބޭންކުގައި ބޭނުން ކުރަމުން އެހެނިހެން ވެސް ކޭޝް ހޭންޑްލިންގް މެޝިންތަކުން ރަންދިހަ ފަހެއް ނޫޓްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް އަދިވެސް ބޭންކްތަކަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ވަގުތު ނަގަނީ އެމްއެމްއޭ އިން ބުނާ ގޮތުގައި، ސޮފްޓްވެއާ އަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ރާއްޖެއިން ބޭރުން ވަސީލަތްތައް ހޯދައިގެން ގެންނަން ޖެހޭތީ އެވެ. އޭޓީއެމްތަކުގައި އާ ނޫޓް ބޭނުން ނުކުރެވޭ ނަމަ، އޭގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

"... އޭޓީއެމްތަކުން ރަންދިހަފަހެއް ބޭނުން ނުކުރެވޭ ނަމަ، ގިނަ ރައްޔިތުންނަށް އަދި ވިޔަފާރިވެރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެތީ އޭޓީއެމްތަކުން ރަންދިހަފަހެއް ނޫޓްތައް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރަން ދިހަފަހެއް ނޫޓް ސީރީޒް އާންމުކޮށް ބޭނުން ކުރުމަށް މި އޮތޯރިޓީ އިން ކުރިން ކަނޑައެޅި ތާރީހުގެ ބަދަލުގައި ނެރޭނެ ތާރީހަކީ 26 ޖަނަވަރީ 2915 އެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.