ބޮލީވުޑް

"ކަސޯޓީ"ގެ އެކްޓަރު ސިޒޭން ކައިވެނި ކުރަނީ

މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގައި އަނުރާގު ބާސޫގެ ރޯލު އަދާކުރި އެކްޓަރު ސިޒޭން ޚާން ވަރަށް އަވަހަށް ކައިވެނިކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ސިޒޭން ކައިވެނި ކުރަނީ މީގެ ތިން އަހަރު ކުރިއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަފްޝީން ނަމަކަށް ކިޔާ އަންހެނަކާ އެވެ.

އަފްޝީން އަކީ އެކްޓިންގެ ދާއިރާއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. ސިޒޭން އާއި އަފްޝީން ކައިވެނިކުރަން ކުރިން ހަމަޖައްސާފައި އޮތީ 2020ގަ އެވެ. ނަމަވެސް ކޮރޯނާ ވައިރަސް ޕެންޑެމިކް ލައިގަނެގެން ކައިވެނި ކުރުން ލަސްވީ އެވެ.

ސިޒޭންގެ އުމުރުން މިހާރު 44 އަހަރެވެ. އޭނާއާ އެކު "ކަސޯޓީ"ގައި ބައިވެރިވި ހުރިހާ އެކްޓަރުން މިހާރު ކައިވެނިކޮށް ދަރިން ލިބި އެ ދަރިންތައް ބޮޑެތި ވެއްޖެ އެވެ.

މިހާ ދުވަސްވީއިރު ވެސް ކައިވެނި ނުކޮށް ހުރީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސިޒޭން ބުނި ގޮތުގައި ކައިވެނިކުރާކަށް ވަކި އުމުރެއް ނޯންނާނެ އެވެ. އޭނާ މިހާތަނަށް ވެސް ކައިވެންޏެއް ނުކޮށް ހުރީ ހިތްހަމަޖެހޭ ކަހަލަ އަންހެން ކުއްޖެއް ނުލިބިގެންނެވެ.

"ކަސޯޓީ" ކުޅުނު ދުވަސްވަރު ސިޒޭން އާއި އެ ޝޯގެ ބަތަލާ ޝްވޭތާ ތިވާރީއާ ވެސް އަޅުވާ ކިޔާފައިވެ އެވެ. ނަމަވެސް އެ ސީރީޒް ކުޅެން ފެށިއިރުވެސް ޝްވޭތާ އުޅެނީ ކައިވެނިކޮށްގެންނެވެ. އަދި އޭނާގެ ކުޑަ ކުއްޖަކު ވެސް އޭރު އޮތެވެ.

"ކަސޯޓީ"ގައި ކޯމަލިކާގެ ރޯލު އަދާކުރި ބަތަލާ އުރުވަޝީ ޑޯލަކިއާ އާއި ސިޒޭންގެ ލޯބީގެ ގުޅުމުގެ އޮތް ކަމަށް ވެސް ފަހުން އަޑުތައް ފެތުރުނެވެ. ނަމަވެސް އެ ޝޯއިން ސިޒޭން ވަކިވި ހިސާބުން ހުރިހާ އަޑުތަކެއް ކެނޑުނީ އެވެ.

ގިނަ އަހަރުތަކަކު "ކަސޯޓީ" ކުޅުމަށްފަހު ސިޒޭން އެ ޝޯއިން ވަކިވެ ދެން ކުޅެފައިވަނީ 'އެކް ލަޅްކީ އަންޖާނީ ސީ" ކިޔާ ސިލްސިލާ އެކެވެ. އަދި 2009 ގައި ދެއްކި "ސީތާ އައުރު ގީތާ" ކިޔާ ސިލްސިލާއެއްގައި ވެސް އޭނާ ބައިވެރިވެފައި ވެއެވެ. ފަހުން ޕާކިސްތާނަށް ގޮސް އެ ގައުމުގެ ބައެއް ސީރީޒްތަކުގައި ވެސް ސިޒޭން މަސައްކަތް ކުރި އެވެ. އޭނާ ކުޅުނު ޕާކިސްތާނު ޝޯތަކުގެ ތެރޭގައި "ޕިޔާ ކޭ ގަރް ޖާނާ ހޭ" އަދި "ސިލްސިލޭ ޗާހަތު ކޭ" ހިމެނެ އެވެ.