އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމު ފުވައްމުލަކު ސިޓީއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ. އިންތި އިސްކޮށް ހުންނަވާ ކުރައްވާ މި ދަތުރުގައި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިގެ ކެމްޕެއިން ޓީމުން މިއަދު ބުނީ ފުވައްމުލަކު ސިޓީގެ ހުރިހާ އަވަށެއްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކުރުމާއި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ދަތުރަށް ފަހު އެ ޓީމުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރުމެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި އިންތިގެ ސްޕޯކްސްޕާސަން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ރޭ ވަނީ ހަމަޖައްސަވާފައެވެ.
"ވައްޑެއަކީ އެމްޑީޕީގެ ވައްޓަފާޅި ދަންނަ ސާފުސީދާ ބަހުން ޕާޓީގެ ހަމަތަކާއި އުސޫލުތަކަށް ކެނޑިނޭޅި ވަކާލާތުކުރާ ތެދުވެރިއެއް،" ވަހީދަށް ތައުރީފު ކުރައްވާ އިންތި ރޭ ވިދާޅުވިއެވެ.
އިމްތިޔާޒުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އެވެ.
އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވަރަށް ގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.
މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.