ދުނިޔެ

އެނޫން ގޮތަކަށް ތާރީޚުން ކުށްފިލުވޭކަށް ނެތް: އަސަދު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވައި ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

އަސަދު ވިދާޅުވި ގޮތުން ރަޝިއާއިން ޔުކްރޭނަށް އެރުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. އޭނާ އަދި ވިދާޅުވީ ޕޫޓިން އެ ކުރައްވަނީ ތާރީޚުން ކުށްފިލުވުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތީ ކަމަށެވެ.

ސީރިއާގައި މިހާރު އޮތް އަސަދުގެ ސަރުކާރުން ރަޝިއާ އާއެކު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ސީރިއާ މަރުގެ ތުންފަތް މަތިން ސަލާމަތް ކޮށްދިން ބަޔަކީ ރަޝިއާ ކަމަށް އަސަދު ގަބޫލު ކުރައްވަ އެވެ.

ސީރިއާ ހަނގުރާމައިގައި 2015 ގައި ރަޝިއާ ސިފައިން ވަނީ އަސަދަށް އެހީތެރިވެދީފަ އެވެ. އަސަދުގެ ސަރުކާރާ ދެކޮޅު ކަމަށް ބުނާ ހަނގުރާމަވެރި ގުރޫޕްތަކަށް ހަމަލާދީ އަސަދުގެ ސަރުކާރު މިއަދާ ހަމައަށް ދެމެހެއްޓުމުގައި ރަޝިއާ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

އަސަދު ވިދާޅުވި ގޮތުން ސޯވިއެޓް ޔޫނިއަންގެ ޒަމާން ދިއުމަށް ފަހު، ރަޝިއާ ސަރަހައްދު އޮތީ ހާވިޔާވެފަ އެވެ. އެކުވެރިކަމެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުން ބޭރުގެ ނުފޫޒާ ހެދި މުޅި ސަރަހައްދު އޮތީ ކުނިވެފަ އެވެ.

ރަޝިއާ އަކީ އެ ސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރަން ޖެހޭ ގައުމެއް ކަމަށް އަސަދު ޕޫޓިންއަށް ދެންނެވި އެވެ. އަދި ރަޝިއާ ޖެހޭ ކޮޅަކަށް ސީރިއާ ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭންގައި ރަޝިއާ މިހާރު ހިންގާ ހަރަކާތްތައް މުޅި ދުނިޔެ ކުށްވެރި ކުރެ އެވެ. ރަޝިއާއަށް އިގުތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން އަދި މިނޫނަސް އެބަޔަކަށް ވާންހުރި ގޮތަކަށް ދުނިޔޭގެ ގައުމުތަކުން ގެންދަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ރަޝިއާގެ ވަކިވަކި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޕޫޓީން އާއި ފޮރިން މިނިސްޓަރު، ލަވްރޯފް އަދި ޑިފެންސް މިނިސްޓަރު ވެސް ވަނީ ލިސްޓަށް އިތުރު ކޮށްފަ އެވެ.