ބޮލީވުޑް

ތޭޖާސްވީގެ "ނާގިން 6" އެންމެ ކުރީގައި

ކަލާޒް ޓީވީން ދައްކާ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ ސުޕަނެޗުރަލް ޝޯ "ނާގިން"ގެ ފާއިތުވީ ފަސް ސީޒަނަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައި ވެއެވެ. އަދި މި ޝޯގެ ހަ ވަނަ ސީޒަން "ނާގިން 6" އަށް ވެސް އެހާ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފުރަތަމަ އެޕިސޯޑުން ވެސް ވަނީ ހާމަވެފަ އެވެ.

ޝޯގައި ރީޝަބްގެ ރޯލު އަދާކުރާ ސިމްބާ ނާގްޕާލް އާއި ޕްރާތާގެ ރޯލު ކުޅޭ ތޭޖާސްވީ ޕްރަކާޝްގެ ކެމިސްޓްރީ ފޭނުންނަށް ވަރަށް ކަމުދިޔަކަން ވެސް ވަނީ ހާމަވެފަ އެވެ. ތޭޖާސްވީ އާއި ސިމްބާގެ ރޯލު މިހާރަށް ވުރެ ފުޅާކޮށް މި ދެ ތަރިން ދައްކާ ވަގުތު އިތުރުކުރަން ޝޯގެ ފޭނުން މިހާރު ދަނީ ޑިމާންޑް ކުރަމުންނެވެ.

ޝޯގެ ޓީއާރުޕީން ވެސް ފޭނުންނަށް ޝޯ މަގްބޫލުވީ މިންވަރު ހާމަ ވެއެވެ. ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ އިންސްޓަގްރާމް ސްޓޯރީޒްގައި ލިޔެފައިވާ ގޮތުގައި "ނާގިން 6"ގެ ޓީއާރުޕީ ހައިރާންވާހާ މައްޗެވެ.

" 'ނާގިން 6' އަކީ ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ލޯންޗުކުރި އެންމެ މޮޅު ޝޯކަން ކިތައް މީހުންނަކަށް ކަމެއް އެނގެނީ އަހަންނަކަށް ބުނާކަށް ނޭނގޭ. އެކަމަކު އެއީ ހަގީގަތަކީ. އަހަރެމެންނަށް މިހާރު 2.1ގެ ރޭޓިން އެއް އެބަ ލިބޭ،" އެކްތާ ލިޔެފައި ވެއެވެ.

"ނާގިން 6"ގައި ތޭޖާސްވީ އާއި ސިމްބާގެ އިތުރުން އުރުވަޝީ ޑޯލަކިއާ އާއި ސުދާ ޗަންދުރަން، އާޝިޝް ޓްރިވޭޑީ އާއި މެހެކް ޗެހެލް ވެސް ބައިވެރިވެ އެވެ.