ރައީސް މުހައްމަދު ނަޝީދު

ނަޝީދު، ރައީސް ސޯލިހަށް: ޕާޓީން އަޅުގަނޑުވެސް ވަކި ކުރައްވާ

ކުރިއަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުގެ ފާޑުވިދާޅުވުން ރައީސް ސޯލިހަށް އަމާޒު ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ތުހުމަތާއި ފާޑުވިދާޅުވުން ރައީސް ސޯލިހަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ. -- ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. -- އޭގެ ފަހަށް ރައީސުލްޖުމްހޫރިއްޔާއަށް އިޝާރާތް ކުރައްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް އެ ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ ބޭފުޅުން ވަކިކުރައްވާނަމަ އެމަނިކުފާނުވެސް ވަކި ކުރެއްވުމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ އިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރ އަތޮޅު ދުވާފަރު ސިއްހީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. މިއަދު މަގާމުން ވަކިކޮށްފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުންނެވި އާމިރު އަހުމަދެވެ. މި މައްސަލާގައި ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މެންބަރުން ވަނީ ބަހުސް ކުރައްވާފައެވެ.

ނަޝީދުގެ ކަންބޮޑުވުންތަކާއި ގުޅިގެން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވަނީ އެ މެންބަރު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުމަކީ މާކުރީގެ ނިންމުމެއް ކަަމަށް ވިދާޅުވެފައެވެ. އަދި އެއީ އެމްޑީޕީގެ މެންބަރެއް ނަމަވެސް އެންމެ ފަހުން އޮތް ކައުންސިލް އިންތިހާބުގައިވެސް އެމްޑީޕީއާއެކު އޭނާ މަސައްކަތް ނުކުރާ ކަަމަށެވެ.

އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމާއި މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ކުރެވުނު މަސައްކަތާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ދެ ބޭފުޅުން ތާއީދު ކުރައްވާ މެންބަރުން ތަފާތުވުން ފަދަ އެތައް މައްސަލަތަކެއްގައި ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވިއެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް މައްސަލަ ބޭރަށް އައުމުގެ ކުރީން ދެ ރައީސުން އިސްވެ އެ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯއްދަވައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެ ދެ ރައީސުންގެ މެދުގައި ކުރީން އޮތް ވާދަވެރިކަން އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.

ސަރުކާރުގެ އިސް ވެރިންނާއި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ ވަފާތެރި މަޖިލީސް މެންބަރުންގެ ތާއީދު އޮތީ އިންތި އަށެވެ. އިންތިހާބަށް ފަހު ދެ ރައީސުންގެ މެދުގައި މިހާރު އޮތް ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.