ޔުކްރެއިން

ޔޫކްރޭންގައި ތިބި ދިވެއްސެއްގެ އާއިލާ ރައްކާތެރިކަމާއެކު ހަންގޭރީއަށް

Feb 28, 2022

ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި ތާށިވެފައި ތިބި ދިވެއްސެއްގެ އާއިލާ ސަލާމަތުން ބޯޑަރު ހުރަސްކޮށް ހަންގޭރީ އަށް މިއަދު ވަދެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދިވެއްސަކާ އިނދެގެން އުޅޭ ޔޫކްރޭން އަންހެނަކާއި އޭނާގެ ދެ ކުދިން ދަތުރު ދަތުރު ކުރަމުން ދިޔަ އުޅަނދު މިހާރު ވަނީ ހަންގޭރީ ބޯޑަރަށް ވެދެފަ އެވެ. މި އާއިލާ އިން ހަންގޭރީ އަށް ދަތުރުކޮށްފައިވަނީ ކިއޭވްގެ ކައިރީ ހުންނަ ކޮޒިން އިންނެވެ. ގާތްގަނޑަކަށް 15 ކިލޯ މީޓަރުގެ ދިގު ދަތުރު އޭނާ ކޮށްފައިވަނީ އެ މީހުން އަމިއްލަ އަށް ނަގާފައިވާ އުޅަނދެއްގަ އެވެ.

ފޮރިން މިނިސްޓްރީން ވެސް ވަނީ މި އާއިލާ ހަންގޭރީއަށް ރައްކާތެރިކަމާއެކު އެތެރެވެފައިވާކަން އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

މި އާއިލާ ހަންގޭރީ އަށް ދިއުމާއެކު އެ ގައުމުގެ ފުލުހުންގެ އެސްކޯޓްކޮށްގެން ގެންދާނީ ހަންގޭރީގެ ވެރިރަށުގައި ހުންނަ ހޮޓަލަކަށެވެ. އަދި މި އާއިލާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ޔޫކްރޭންގައި ތާށިވެފައި ތިބި މީހުން ގެންދަނީ ހަންގޭރީގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. އަދި މިކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގިނަ މަސައްކަތްތަކާއެކު ހަންގޭރީ ސަރުކާރުން ވަނީ ގިނަ އެހީތަކެއް ދީފަ އެވެ.

ދިވެހި އާއިލާ ސަލާމަތުން ހަންގޭރީ އަށް ވަދެވުނު ނަމަވެސް ޔޫކްރޭންގައި ކިޔަވާ ނުވަ ކުއްޖަކު އެ ގައުމުގައި އަދި ވެސް ތާށިވެފައި އެބަތިއްބެވެ. މި ކުދިންގެ ތެރެއިން އަށް ކުދިން ތިބީ ވެރިރަށް ކާއިވްގެ ބަންގަރެއްގެ ތެރޭގަ އެވެ. އަދި އެތަނާ 10 މިނެޓުގެ ރާސްތާގައި ނިޕްރޯގައި އެއް ދިވެހި ދަރިވަރަކު އެތަބިއްތެވެ. ފޮރިން މިނިސްޓްރީން ދަނީ މި ކުދިން ވެސް ހަންގޭރީ އަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

ޔޫކްރޭގައި 50 އަކަށް ކުދިން ކިޔަވަމުންދާއިރު މިހާތަނަށް މީގެ ތެރެއިން ގިނަ ކުދިންވަނީ ރާއްޖެ އައިސްފަ އެވެ. މިގޮތުން މިރޭވެސް ވަނީ ޔޫކްރޭންއަށް އެތެރެވެ އިތުރު 15 ދަރިވަރުން ރާއްޖެ އައިސްފަ އެވެ.