އެމްޑީޕީ

އެމްޑީޕީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

Feb 28, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

ޝަކުވާއެއް އޮތް ނަމަ އެ މީހެއްގެ އައިޑީކާޑުގެ ކޮޕީއަކާ އެކު ހުށަހަޅަން ބޭނުންވާ ޝަކުވާ އީމެއިލް ކުރުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޭފުޅުން ހޮވުމަށް ހަމަޖެހިފައިވަނީ ޗެއާޕާސަން އާއި، ޒުވާނުންގެ ރޫހާއި އަންހެނުންގެ ރޫހުގެ އިސް މަގާމުތަކަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ ޕާޓީގެ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

އެތެރޭގެ އިންތިހާބަށްފަހު މިއަހަރުގެ އޮގަސްޓް ހަތަރުވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.