ހަބަރު

ބްރިޖް އަޅަން އަމަލީ މަސައްކަތް ފަށައިފި

Dec 23, 2015
1

ބްރިޖް އަޅާ ސަރަހައްދު ކަމަށްވާ، މާލެ އާއި ހުޅުލެއާ ދޭތެރޭގައި ރާޅު ހުންނަ މިންވަރު ބެލުމަށް ވޭވް ގައުޖްއެއް ބަހައްޓައި އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ބްރިޖް އަޅާ ސީސީސީސީ ކުންފުނިން ފަށައިފި އެވެ.

އެމްއެންޑީއެފް އާއި ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، އެ ކުންފުނިން ވަނީ މާލެ-ހުޅުލޭ ދޭތެރޭ ކަނޑުގައި ބްރިޖް އަޅާ ސަރަހައްދުގައި ވޭވް ގައުޖް ބަހައްޓައިފަ އެވެ. އަދި އެ ޑިވައިސް ބޭނުން ކުރާ ހައުސިންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ދިމާ ބެލުމަށް ކަމަށެވެ. އަދި އެ މައުލޫމާތަކީ ބްރިޖް އެޅުން ކުރިއަށް ދާ އިރު ކޮންމެހެން މުހިންމު މައުލޫމާތުތަކެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ މައުލޫމާތުތަކުގެ އަލީގައި ބްރިޖް އެޅުމަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ތަފާތު ވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

"މިއާ އެކު މި އަމަލީ މަސައްކަތް މި ފެށުނީ. ދެން ބްރިޖް އަޅަން ފަށާ ތަން ފެނިގެން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ" މަސައްކަތް ފަށަން ސަރުކާރުން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އޮންނަ ހަފްލާއެއްގަ އެވެ. އެންމެ ފުރަތަމަ އެ ހަފްލާ ބާއްވަން އޮތީ މި ބުރާސްފަތީގަ އެވެ.

އެ ކުންފުނީގެ ޓީމްތައް އައިސް ބްރިޖާ ގުޅުން ހުރި ސައިޓްތައް ވެސް މިހާރު ވަނީ ބަލައިފަ އެވެ. އަދި ބްރިޖް މަސައްކަތް ފެށުމަށް ރާޅުގަނޑު ސަރަހައްދު އޮތީ އެކީ ބަންދުކޮށްފަ އެވެ.

އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.